މި އަހަރު އުތުރު އެމެރިކާގެ ތިން ގައުމެއް ކަމަށް ވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވަން ތައްޔާރު ބަމުން އަންނަ ފީފާ ވޯލްޑް ކަޕްގައި އީރާނުން ކުޅެންޖެހޭ މެޗުތައް އެމެރިކާއިން މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެ ގައުމުން އެދުނު އެދުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ދެކޮޅު ހަދައިފި އެވެ.
ފީފާއިން ބުނީ މެޗުތައް ކުރިއަށް ދާނީ މިދިޔަ އަހަރު އިއުލާންކުރި މެޗު ތާވަލާ އެއްގޮތަށް ކަމަށެވެ.
އީރާނުން މިގޮތަށް އެދިފައި ވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އެމެރިކާގައި މެޗުތައް ކުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ އެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ވޯލްޑް ކަޕްގެ ރޭވުންތަކާ ގުޅޭގޮތުން އީރާނާއެކު ހުރިހާ މެންބަރު ގައުމުތަކާ ގަވާއިދުން މުއާމަލާތް ކުރަމުންދާ ކަމަށާއި، ހުރިހާ ޓީމުތަކުން ވެސް ތާވަލާ އެއްގޮތަށް މެޗުތައް ކުޅޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ޓީމަށް އެމެރިކާއަށް އައުމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ގައުމުގައި ތިބުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި ވާހަކަތަކާ ގުޅިގެން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައި ވަނީ ވޯލްޑް ކަޕުން އީރާނު ބޭރުކޮށްލުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.
އީރާނުގެ ފުޓްބޯޅަ އިސްވެރިޔާ މެހްދީ ތާޖް ވިދާޅުވީ އީރާނު ޓީމުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް ޓްރަމްޕް ސާފުކޮށް ވިދާޅުވެފައި ވާތީ، އެމެރިކާއަށް ދަތުރު ނުކުރާނެ ކަމަށެވެ. އަދި މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު ވަނީ ވިސާ ދޫކުރުމުގަ އާއި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން އެއްބާރުލުން ނުދޭތީ އެކަން ކުށްވެރި ކުރައްވާފަ އެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވީ އީރާނުގެ ފުރަތަމަ ބުރުގެ މެޗުތައް ބޭއްވުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް އެކަމުގައި ފީފާގެ ނިންމުމަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ ތިން ގައުމެއްގައި ބާއްވާ ފުރަތަމަ މުބާރާތެވެ. އަދި 48 ޓީމުން ވާދަކުރާ ވެސް ފުރަތަމަ މުބާރާތެވެ.
އީރާނަކީ ޖަޕާނަށްފަހު މި މުބާރާތަށް ކޮލިފައިވި އޭޝިއާގެ ދެވަނަ ގައުމެވެ. މިހާރު އޮތް ތާވަލް ބުނާގޮތުން އީރާނުން ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުތައް އޮތީ ލޮސް އެންޖެލިސްގަ އެވެ. އަދި މިސްރާ ދެކޮޅަށް ކުޅޭ މެޗު އޮތީ ސިއެޓްލްގަ އެވެ.

ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!