ފޯޅަވަހީގެ ވާހަކަ ވައިގައި ހިފީ އެ އަތޮޅު އިނގިރޭސިންގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެފްރިކާގައި މުސްތައުމިރުން އުފެއްދި ކުޑަ ގައުމެއް ކަމަށްވާ މޮރިޝަސް އަށް ދޭން ނިންމި ނިންމުމާ ގުޅިގެންނެވެ. އެ ހިސާބުން ރާއްޖޭގެ ގިނަ ބައެއްގެ ކަންބޮޑު ވުމަކަށްވީ ޒަމާނުއް ސުރެ ދިވެހިން މަސްވެރިކަން ކޮށް އުޅުނު ކަނޑުން ބޮޑު ބައެއް ގެއްލި ދިއުމުގެ ބިރެވެ. އެހެން ނަމަވެސް އޭގެ މާކުރިން ވެސް ފޯޅަވައްސަކީ ފުވައްމުލަކު މީހުނަށް ފަރިތަ ތަނެކެވެ.
ފުވައްމުލަކު ބަހުން ފޯޅަ ވައްސަށް ކިޔަނީ "ހޮއްޅަވަހި" މިހެންނެވެ. އެއީ ދުފުމަށް ދޮހުން ކިޔާ ފަދައިންނެވެ. ހާ ޔާއި ފާފުގެ ބަދަލުވާ ބަދަލު ވުމެކެވެ.
ފޯޅަވައްސާ ބެހޭ ތަފާތު ވާހަކަތައް ޒަމާނުއްސުރެ ފުވައްމުލަކުގައި ކިޔާ އުޅެ އެވެ. އޭގެ ތެރޭގައި އެކި ގޮތް ގޮތުން އެ ހިސާބަށް ދެވިގެން ހިނގާފައި ހުންނަ ހާދިސާގެ ވާހަކަތައް ހިމެނެ އެވެ. މީގެ ތެރެއިން ފުވައްމުލަކުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރި ސްޕޭން މީހެއް ކަމަށްވާ ޝާވިއާ، ފުވައްމުލަކު މީހުން ކިޔާ ގޮތުން ނަމަ ޝަވީ ލިޔެފައި އޮންނަ ވާހަކައަކީ ލިޔެ ކިޔުމުން ފެންނަން އޮންނަ އެއް ވާހަކަ އެވެ.
އެ ވާހަކައިގައި ވާ ގޮތުން އެރަށު ދޯންޏެއް ކޮޅިގަނޑެއްގައި ޖެހި ފޯޅަވައްސަށް އުރެނީ އެވެ. ރަށަށް ލެއްގިއިރު ދޯނި ފުނޑުފުނޑު ވެއްޖެ އެވެ. އެހެންކަމުން އެނބުރި ރަށަށް ދެވޭނެ އެއްވެސް ގޮތެއް ނެތި ފޯޅަވަހީގައި ތާށިވީ އެވެ. ދަތުރު ކުރާނެ އުޅަނދެއް ނެތި ފަޅު ރަށެއްގައި ތާށި ވެއްޖެ ނަމަ އެޒަމާނުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. ދިދައެއް ނަގައިގެން އަލިފާން މަޅިއެއް ރޯ ކޮށްގެން ބަޔަކަށް ފެނިދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ހިސާބެކެވެ. އެންމެ ކައިރީގައި އޮތް އައްދު އަތޮޅުގެ ރައްޔިތުންނަށް ޚަބަރު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.
އެފަދަ ހާލަތުގައި ރަށުގައި ތާށިވެފައި ތިބި މީހުން ވިސްނުމަށް ގެނައީ ހޯރައެއްގެ ފިޔައިގައި ތަވީދެއް އައްސާފައި ރަށަށް ފޮނުވުމުގެ ޚިޔާލެ އެވެ. އެއީ ހަގީގަތުގައި ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. އެ މީހުންގެ ވިސްނުން ހުރި ގޮތަކީ ފުވައްމުލަކުގެ ރައްޔިތުންނަކީ ރަށަށް ފުޅަނގި ލައްގާ މޫސުމުގައި ޖަމާވާ ހޯރަ ހިފުމަށް ޝައުގު ވެރިކަން ހުންނަ ބައެއް ކަމުން ތަވީދު އަޅުވާފައި ފޮނުވާ ހޯރަ ރަށުން ބަޔަކަށް ހިފިދާނެ ކަމުގެ އުންމީދެވެ. ހަގީގަތުގައި ފުޅަނގި މޫސުމުގައި ފުވައްމުލަކުގެ މަތީގައި ހޯރަތައް ޖަމާވެފައި އޮންނަނީ ފިސާރި ބޯކޮށެވެ. އޭގެ ތެރެއިން ޖުމުލަ ހައެއްކަ ހޯރަ ވެސް ނުހިފޭނެ އެވެ.
ފުވައްމުލަކުގައި ހޯރަ ހިފާ ގޮތަކީ ފުޅަނގިތަކާ އެކު ރަށު މައްޗަށް ހޯރަތައް ޖަމާވުމުން ބައެއް މީހުން އަތިރި މަތީން ދިގު ރުއްރުކަށް އަރައި މަސް ބާނާ ދަނޑިއެއް ފަދައިން ދިގު އޮނެއްގައި ކަންވާރު ލައި އޭގައި ބަރެއް ލައިގެން ހޯރަތަކާ ދިމާޔަށް ހޫރައި އަނބުރަނީ އެވެ. ނަސީބު ދެރަ ހޯރައެއް އެ ކަންވާރުގައި އޮޅިދާނެ އެވެ. އެއީ ވަރަށް މަދުންވާ ކަމެކެވެ.
އެހެންކަމުން ތަވީދު ލިޔެފައި ފޮނުވާ ހޯރަ ހިފުމަށް ވުރެ ގާތީ ނުހިފުމެވެ.
ފޯޅަވަހީގައި ތާށިވެފައި ތިބި މަސްވެރިން އެ ރަށުން ހޯރައެއް ހިފި އެވެ. އެ ހޯރައިގެ ފިޔައިގައި ތަވީދެއްގެ ސިފައިގައ އެމީހުން ތިބި ތަނުގެ ވާހަކަ ލިޔެފައި ސިޓީއެއް ހަރުކުރުމަށްފަހު އަނބުރާ ދޫކޮށްލީ އެވެ. ޝަވީ ލިޔެފައިވާ ގޮތުން އެހޯރަ ފުވައްމުލަކުގެ ބަޔަކަށް ހިފުނެވެ. އެ ތަވީދު ވެސް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ރަށުން މީހުން ހޯޅަވައްސަށް ގޮސް އެރަށުގައި ތިބި މީހުން އަނބުރާ ގެންދިޔަ އެވެ.
ހޯރަޔާ ގުޅޭ ގޮތުން ކުޑަ ކުދިންނަށް ކިޔާ ދޭ ވާހަކައެއް އޮވެ އެވެ. އެ ވާހަކަ ގުޅެނީ ފޯޅަވައްސާ އެވެ.، ފުޅަނގި ލައްގާ މޫސުމުގައި މުޅި ރަށުގެ މަތީގައި އޮންނާނީ ބޯވިލާ ގަނޑެއްފަދައިން ހޯރައިން ފުރިފަ އެވެ. އެހެން ނަމަވެސް އެއިން ހޯރައެއް ފުވައްމުލަކުގެ ގަހަކަށް ނުޖައްސާނެ އެވެ. ރޭގަނޑު ވުމުން އެނބުރި ހިނގައިދާނެ އެވެ. ކުޑަކުދިން ސުވާލު ކުރާނެ އެވެ. ހޯރަ ދަނީ ކޮން ތަނަކަށް ހެއްޔެވެ. ޖަވާބަކީ ހޯރަތައް ނިދަން ދަނީ ހޮއްޅަވައްސަށެވެ. އެ މީހުންގެ ރަށަކީ އެއީ އެވެ.
އެފަދަ އެހެން ވާހަކައެކެވެ. ހަމަ ހޯރައާ ގުޅޭ ވާހަކައެކެވެ. ބުނެ އެވެ. ހޯރަތަކުގެ މަންމަ (ހުރައުގެ އަމާ) އޮންނަނީ ފޯޅަވަހީގެ ދޮން ބޮޑު ރުކުގަ އެވެ. އެ ރުކުގައި އޮވެ، ޅަ ހޯރަތައް ބޮޑުވެ އަމިއްލައަށް ޝިކާރައަށް ނިކުންނަ އިރު މައި ހޯރަ ބުނެ އެވެ. ނަމަނަމަ ހުޅަނގު މޫސުމުގެ ފުޅަނގި ހާއްޔެއްގެ ދަށު ވިޔަސް އިރުވައި މޫސުމުގެ އެފަދަ ހާއްޔެއްގެ ދަށު ނުވާށެވެ.
ކުޑަ ކުދިންނަށް ކިޔާދޭ އެ ބާވަތުގެ ވާހަކަތަކަކީ ޚިޔާލީ ވާހަކަތަކެވެ. އެ ވާހަކަތައް ގުޅިފައި އޮންނަނީ އެބައެއްގެ ދިރިއުޅުމާ މާހައުލާ ގުޅޭ އާދަކާދަތަކާ އެވެ. ފުވައްމުލަކުގައި ކިޔާ އެފަދަ ވާހަކަތަކުގެ ތެރޭގައި މަޑަގަސްކަރައާއި އެފްރިކާގެ ވާހަކަތަކެއް ނުހުރެ އެވެ. އެހެނަސް ފޯޅަވަހީގެ ވާހަކަތައް ކިޔަނީ އެއީ ހިތާ ހިތުގެ ގުޅުމެއް އޮންނަ ތަނަކަށް ވާތީ އެވެ.
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން އަދިވެސް ނުފެނޭ