ކައުންސިލްތައް ބާކީކޮށް، އެ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން ބޭއްވި ސައިކަލް ބުރަށްފަހު ދެއްކެވި ވާހަކާގައި ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން" ކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ކުރަން ހުރި ކަންކަމާއި ސިޓީތަކުގައި ކުރަން ހުރި ކަންކަން ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ އިންތިހާބެއް ކަމަށާއި، ކައުންސިލްތަކުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ގޮނޑިތަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ، އަދި އެކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ނިޒާމެއްކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބުކަން ފާހަގަކުރައްވައި، އެ ދުވަހު މަޖިލިސް އިންތިހާބު ވެސް ބޭއްވުމުން ރައްޔިތުން އެންމެ ބޭނުންވާ މެމްބަރުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އީރާނުގެ ތެޔޮ ކާރުހާނާތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު
ކުރު ވާހަކަ: އެ ސިއްރު