"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.

ފަހު ދިހައެއްގެ ދުވަސްތައް ކުރިއަށް ދާއިރު ގިނަ އަންހެން ކަނބަލުންގެ ކަންބޮޑުވުމަކަށް ވެފައި އޮންނަނީ މި ދުވަސްވަރު ހައިޟުވެއްޖެނަމަ އަޅުކަމުގައި ޝާމިލް ނުވެވޭނެ ކަމުގެ ކަންބޮޑުވުމެވެ.

ސުވާލު: ހައިޟުވެރިޔާ ފަހުދިހައެއްގެ ދަރުމައާއި ޘަވާބު ލިބިގަންނާނީ ކިހިނެއް؟

ޖަވާބު: ހައިޟުވެރިޔާއަށް ދީނުގައި މަނާ ކުރައްވާފައިވާ މައިގަނޑު އަޅުކަމަކީ ހަމައެކަނި ނަމާދު ކުރުމެވެ. އެހެނިހެން އަޅުކަންތަކުގައި ޝާމިލުވެ އުޅުމަކުން މައްސަލައެއް ނެތެވެ.

ގިނަ އަންހެން ކަނބަލުން ފަހު ދިހައެއްގެ ރޭތަކުގައި ހައިޟު ވެއްޖެނަމަ ދެރަވެ މާޔޫސްވެ އެވެ. އެހެން ނަމަވެސް އެކަމުގައި މާޔޫސްވާންވީ ކަމެއް ނެތެވެ. އެހެނީ އެއީ މާތް ﷲގެ އިރާދަފުޅަށް ވީތީ އުފާކޮށް ހަމްދުކުރަން ޖެހެ އެވެ.

ފަހު ދިހައެއްގެ މާތްކަމާއި ބަރަކާތް ހޯދުމަށްޓަކައި ހައިޟުވެރިޔާއަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މުސްހަފުގައި ބީހުމެއް ނެތި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގެ އިތުރުން ޒިކުރު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ޖަވާބު ދެއްވީ: ޝެއިޚް އައްސިމް އަލް ޙަކީމް