ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅު މަގުމަތިން ދަނިކޮށް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވީޑިއޯ ކުރި ކަމަށް ބުނެ މިނިސްޓަރު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

މިނިސްޓަރު އިހުސާން ރޭ ދަންވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކުރައްވާފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އިބްރާހިމް ވަހީދު ފޯނުން ވީޑިއޯއެއް ނަގަމުންދާއިރު، އަކްރަމް ކަމާލުއްދީން އޭނާގެ ކައިރީގައި ހުންނަވަ އެވެ. އަދި އެ ދެ ބޭފުޅުންގެ ކައިރީގައި އިތުރު މީހަކު ސައިކަލެއްގައި މަޑުކޮށްލައިގެން އިންނަ މަންޒަރުވެސް ފެނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ދެ ބޭފުޅުން ނެގި ވީޑިއޯ މިހާރު ވަނީ ކާކުކަން ނޭނގޭ އެކައުންޓަކުން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ މާލޭގެ މަގެއްގެ މަތިން އަންހެނަކާއި ކުޑަ ދެ ކުދިން ހިނގާފައިދާ މަންޒަރެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، އެމީހުންގެ ކައިރީގައި ފިރިހެނަކު ހުރެ އެވެ. އެ ވީޑިއޯގައި ތުހުމަތުކޮ މިނިށްފައިވާ ގޮތުގައި އެއީސްޓަރުގެ އާއިލާގެ ސަލާމަތަށް ހުންނަ ބޮޑީގާޑެކެވެ.

މި ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ވާހަކަ ދައްކާ ބަޔަކު މިފަދަ "ދަށު ދަރަޖައިގެ" އަމަލުތައް ހިންގުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ޒަމާނުއްސުރެ މުޖުތަމައު ބައިބައިކުރުމުގެ ސިޔާސީ އަމަލުތައް ހިންގާ ޕާޓީއެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފަ އެވެ.

މި ހާދިސާއާ ގުޅިގެން ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި، އަކްރަމް ކަމާލުއްދީން ނުވަތަ އިބްރާހިމް ވަހީދުގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ.