ޖަލުގައި ބަންދުކޮށްފައިވާ ސުކޭޝް ޗަންދުރަޝޭކަރު، ލޯބިވެރިންގެ ދުވަހާ ދިމާކޮށް ބޮލީވުޑްގެ ތަރި ޖެކޮލީން ފެރްނާންޑޭޒްއަށް
ފޮނުވި ސިޓީއަކާއި، އޭނާއަށް ދިން ކަމަށް ބުނާ އަގުބޮޑު ހަދިޔާއެއްގެ ސަބަބުން އަނެއްކާވެސް މީޑިއާގެ ސަމާލުކަން ލިބިއްޖެ އެވެ.
މިހާރު މީޑިއާގައި ދައުރުވަމުންދާ 14 ފެބްރުއަރީ 2026 ގައި ފޮނުވާފައިވާ މި ސިޓީގައި ސުކޭޝް ބުނެފައިވަނީ، ޖެކޮލިންއަށް "އެއަރބަސް" މަރުކާގެ ލަގްޒަރީ ހެލިކޮޕްޓަރެއް ހަދިޔާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ ސަބަބުން ޖެކޮލިންއަށް ކުރިމަތިލާންޖެހިފައިވާ ގާނޫނީ މައްސަލަތަކަށްޓަކައި އޭނާ ވަނީ މައާފަށް އެދިފަ އެވެ.
"އިންޑިއާ ޓުޑޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަތުން ލިޔެފައިވާ މި ސިޓީ ފަށާފައިވަނީ "މައި ބޭބީ ޖެކޮލިން" ގެ ނަމުން މުހާތަބުކޮށް، ވަރަށް އަސަރުގަދަ އިބާރާތްތަކަކުންނެވެ. އެކި މައްސަލަތަކުގައި މިހާރު ޖަލުގައި ހުރި ސުކޭޝް ބުނެފައިވަނީ، ޖަލުގެ ފިނި ފާރުތަކާއި ދަގަނޑު ތޭރިތަކުގެ ސަބަބުން ޖެކޮލިންއާ ވަކިވެފައި ހުންނަންޖެހުމުން، ސަހަރާއެއްގެ ތެރޭގައި މަގުއޮޅިފައިވާ މީހަކު ފަދައިން ޖެކޮލިން މަތިން ހަނދާންވާ ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި ހުރި ދުރުމިން އިހުސާސްވާ ކަމަށާއި، ނަމަވެސް އެއްވެސް ކަމަކަށް އެމީހުންގެ ލޯބި ބަލިކަށި ނުކުރެވޭނެ ކަމަށް އޭނާ ލިޔެފައިވެ އެވެ.
"އިންތިހާއަށް މަޢާފަށް އެދެން"
ޖެކޮލިންއާ އޮތް ގުޅުމުގެ ސަބަބުން އުފެދިފައިވާ ހަލަބޮލިކަމާ ގުޅޭގޮތުން ސުކޭޝް ލިޔެފައިވަނީ، ޖެކޮލިންއާ އެއްވެސް ގުޅުމެއް ނެތް ކަންކަމުގައި އޭނާއަށް އުފުލަންޖެހުނު ގާނޫނީ ބުރައާއި، ކުރިމަތިވި ހާސްކަމާއި ލަދުވެތިކަމަށްޓަކައި އިންތިހާއަށް މައާފަށް އެދޭ ކަމަށެވެ. އަދި މި "ތޫފާން" ނިމުމަކަށް އަންނަނީ ކަމަށާއި، ހުރިހާ ކަމެއް ހައްލުކޮށް ޖެކޮލިންއަށް ހައްގުވާ ހަމަޖެހުން ހޯދައިދޭނެ ކަމަށް އޭނާ ވައުދުވެފައި ވެއެވެ.
އެއަރބަސް ހެލިކޮޕްޓަރެއް ހަދިޔާކުރުން
ލޯބީގެ ވާހަކަތަކުގެ އިތުރުން، ސުކޭޝް ވަނީ ލޯބިވެރިންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި "އެއަރބަސް އެޗް-ސީރީޒް" ގެ ލަގްޒަރީ ހެލިކޮޕްޓަރެއް ޖެކޮލިންއަށްޓަކައި ތައްޔާރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނިގޮތުގައި މި ހެލިކޮޕްޓަރުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ ޖެކޮލިންގެ ނަމުގެ އަކުރުތައް ހިމަނައިގެންނެވެ.
ސުކޭޝް ބުނާ ގޮތުގައި މި ހެލިކޮޕްޓަރަކީ މުމްބާއީގެ ބާރުބޮޑު ޓްރެފިކުން ސަލާމަތްވެ، ފިލްމު ޝޫޓިންތަކަށް ދިއުމަށް ޖެކޮލިންއަށް އެހީތެރިވެދޭނެ އެއްޗެކެވެ. އަދި މިއީ ކުށް ކޮށްގެން ހޯދި ފައިސާއިން ގަތް އެއްޗެއް ނޫން ކަމަށާއި، މިއީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި ހަލާލު ފައިސާއިން ގަތް އެއްޗެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
މި ސިޓީއާ ގުޅޭގޮތުން ޖެކޮލިންގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިންވެސް ސުކޭޝް ވަނީ ޖަލުގައި ހުރެގެން އެކި މުނާސަބަތުތަކާ ދިމާކޮށް ޖެކޮލިންއަށް މިފަދަ ސިޓީތައް ފޮނުވާފަ އެވެ. އޭނާ އަބަދުވެސް ދައުވާ ކުރަމުންދަނީ އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށެވެ.
މީގެ ކުރިން ޖެކޮލިން ވަނީ ސުކޭޝް އެބުނާފަދަ ގުޅުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި ސުކޭޝް ވަނީ އޭނާއަކީ ވިޔަފާރިވެރިއެއް ކަމަށް ބުނެ ޖެކޮލިންއަށް ވެސް އޮޅުވާލާފައި ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އޭގެ ފަހުން ސްކޭޝްއާއި ޖެކޮލިން އެކުގައި ފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ސުކޭޝް ގެންދަނީ 2015 ވަނަ އަހަރުން ފެށިގެން ދިއްލީ ޖަލުގައި ހުކުމްތަންފީޒު ކުރަމުންނެވެ.
ކުއްޔަށް އުޅޭ ފަރާތަށް ނުދީ ގޭގެ ވެރިފަރާތުން ރޯދަ ހަދިޔާ ނަގަނީ
2،600 ޓޫރިއްޓުންނާ އެކު ކްރޫޒްލައިނާއެއް ރާއްޖޭގައި
ބަލާ ފޫހި ނުވާނެ ހިތްގައިމު މަލުގެ ވާދީއެއް!