ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސް (ސީޕީއައި)ގައި މިދިޔަ އަހަރު ދިވެހިރާއްޖެއަށް 100އަކުން ލިބިފައިވަނީ 39 މާކްސް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހާމަކޮށްފި އެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ޕޮއިންޓުގެ ކުރިއެރުމެކެވެ. ކުރީ އަހަރު ރާއްޖެއަށް ލިބިފައިވަނީ 38 މާކްސް އެވެ.
މި ނަތީޖާއާއެކު، ސީޕީއައިގައި ހިމެނޭ 182 ގައުމުގެ ތެރެއިން ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ 91 ވަނައިގަ އެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނި ގޮތުގައި، ރާއްޖޭގެ ނަތީޖާ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ހުރުމަކީ ދައުލަތުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ނާޒުކު ކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި، މިފަދަ ނަތީޖާއެއްގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު ގެއްލި، އަދުލު އިންސާފާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް އޮންނަ ފުރުސަތުތައް ހަނިވެގެންދެއެވެ.
އެހެންކަމުން، ގައުމުގެ ހިންގުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި ގާނޫނީ އޮނިގަނޑަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން ނިޒާމީ ބަލިކަށިކަން ދެނެގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފަ އެވެ.
ސީޕީއައިގެ ނަތީޖާ އާންމުކުރިއިރު، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތަކާ މެދު އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް، ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި ދޫވެގެންދާ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.
ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން އޭސީސީ މިނިވަންކަމާއެކު ހިންގުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާނެ ކަމަށް ވައުދުވި ނަމަވެސް، މިހާތަނަށް އެކަން އެންމެ އެދެވޭ ގޮތެއްގައި ހިނގާފައި ނުވާކަން ފާހަގަކުރެ ވެއެވެ. މިހާރު ވެސް އޭސީސީއަށް ހުށަހަޅާފައިވާ ބޮޑެތި މައްސަލަތައް ނުބެލި ހުރުމަކީ އެ ކޮމިޝަނަށް އާންމުންގެ އިތުބާރު ކުޑަވާ އެއް ސަބަބެވެ.
ކަރަންޓު ހަރަދު ކުޑަ ކުރެވިދާނެ ފަސޭހަ ދެތިން ގޮތެއް!
ހެއިލީގެ ދަރިފުޅު މާމަކާފައާ ދުރުކޮށްގެން އުޅެނީ ކީއްވެ؟
މައުލޫމާތު ނުދީގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި