ފީފާއިން 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕުން އެ ސަރަހައްދަށް އޮޓޮމެޓިކް ހަ ޖާގަ ލިބޭނެ ކަމަށް އުތުރު އަދި މެދުތެރޭ އެމެރިކާ އާއި ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅަ އިދާރާ (ކޮންކަކަފް) އިން ބުނެފި އެވެ.
އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް މެދުވެރިކޮށް ހަތްވަނަ ޖާގައެއް ހޯދުމުގެ ފުރުސަތު ވެސް އެ ސަރަހައްދުގެ ގައުމުތަކަށް އޮންނާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ކޮންކަކަފް އިން މިކަން އިއުލާނުކުރި ނަމަވެސް، ފީފާއިން އަދި ކޮންމެ ކޮންފެޑަރޭޝަނަކަށް ދޭނެ ޖާގަތަކުގެ އަދަދު ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންމެބޯލް)ގެ ރައީސް ވަނީ ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ހުށަހަޅާފަ އެވެ.
ފީފާގެ މީޑިއާ އޮފީހުން ބުނެފައި ވަނީ ކޮންފެޑަރޭޝަންތަކަށް ޖާގަ ބަހާނެ ގޮތެއް ނިންމާފައި ވޭތޯ ބަލަމުން އަންނަ ކަމަށެވެ.
ކޮލިފައިން ކުރިއަށް ދާނެ ގޮތް ކޮންކަކަފް ސަރަހައްދުގެ ކޮލިފައިން މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު އެވެ. ފުރަތަމަ ބުރުގައި ވާދަކުރާނީ ރޭންކިންގެ 14 ވަނަ އިން ފެށިގެން 35 ވަނަ އާ ދެމެދުގައިވާ ގައުމުތަކެވެ. މި ބުރުން މޮޅުވާ 11 ޓީމު، ރޭންކިންގެ ގަދަ 13 ގައުމާއެކު ދެވަނަ ބުރަށް ދަތުރު ކުރާނެ އެވެ. ދެވަނަ ބުރުގައި 24 ޓީމު ހަ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ފައިނަލް ބުރަށް ހޮވޭނެ އެވެ.
ފައިނަލް ބުރުގައި 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަށް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕް މައިގަނޑު ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގަ އެވެ. ނަމަވެސް މުބާރާތުގެ ފުރަތަމަ ތިން މެޗު އާޖެންޓީނާ، ޕެރަގުއޭ އަދި އުރުގުއޭގައި ކުޅުމަށް ވަނީ ނިންމާ ފައެވެ.
އިތުރު ފުރުސަތުތައް ފައިނަލް ބުރުގެ ގްރޫޕްތަކުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމުގެ މެދުގައި ނޮވެމްބަރު 2029 ގައި ޕްލޭއޮފް މެޗެއް ކުޅޭނެ އެވެ.
މި މެޗުން މޮޅުވާ ޓީމަކަށް ފީފާގެ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުކުރުމާ ގުޅިގެން، ކޮންކަކަފް ސަރަހައްދަށް ލިބޭ ސީދާ ޖާގައިގެ އަދަދު ވަނީ ތިނަކުން ހަޔަކަށް އިތުރުވެފަ އެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލް އަދި ފައިނަލް މެޗުތައް ކެލިފޯނިއާގެ ސޯފައި ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮންކަކަފް އިން ވަނީ ހާމަކޮށްފަ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް ދަނީ އިތުރުވަމުން
ކުޑައިރު ނެގި ވާހަކަ ގެންދިޔައީ ބޮޑުވެގެން
އަމިއްލައަށް ކަންފަތް ސާފު ކުރުމަކީ ގޯހެއް!