ގޭތެރޭގެ މާހައުލަކީ ކޮންމެ މީހަކަށް ވެސް ވަރަށް ހާއްސަ ތަނެކެވެ. އެކި މީހުން އެކި ގޮތްގޮތަށް ގޭތެރެ ޒީނަތްތެރި ކޮށް އުޅޭއިރު ގޭތެރެ ޒީނަތްތެރި ކޮށްފައި ހުންނަ ގޮތުން ވެސް ސިއްހަތަށް އޭގެ އަސަރުކުރާ ކަމަށް މާހިރުން ބުނެ އެވެ.
މާ ކުޑަ ތަންކޮޅެއްގައި ގިނަ ފަރުނީޗަރުތައް އަތުރާފައި ބެހެއްޓުމަކީ ސްޓްރެސް އާއި އެންޒައިޓީއަށް މަގުފަހިވާ ކަމެކެވެ. މިއީ ކުޑަ ތަންކޮޅެއްގައި ހުރެ "ސަފޮކޭޓް" ވާ ކަމުގެ އިހުސާސް ކުރުވާނެ ކަމެކެވެ.
އެހެން ކަމުން ގޭތެރެ ޒީނަތްތެރި ކުރާއިރު ކޮންމެހެން ބޭނުންވާ ފަރުނީޗަރުތައް ފިޔަވައި އިތުރު ފަރުނީޗަރުތައް ނުބަަހައްޓަން ކަމާބެހޭ މާހިރުން ލަފާދެ އެވެ.
އޭގެ ސަބަބުން މިނިވަން މާހައުލެއްގައި އުޅުމުގެ އިހުސާސް ކުރެވި ހިތްހަމަ ޖެހުން ލިބޭނެ ކަމަށް އެ ފަރާތްތަކުން ހާމަކުރެ އެވެ.
ހަމައެއާއެކު ފާރުތަކުގައި ލާފައި ހުންނަ ކުލައިން ވެސް ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އެގޮތުން ކުލަގަދަ ކުލައެއް ލާފައި ހުންނަ ނަމަ ހަށިގަނޑުގެ ސްޓްރެސް ހޯމޯންސް އިތުރުވާއިރު މަޑު ކުލެއެއް ލުމަކީ ހިތަށް ހަމަޖެހުން ލިބި ސްޓްރެސް ދަށް ކޮށްދޭނެ ކަމެކެވެ.
މީގެ އިތުރުން ގޭތެރޭގައި އަލި ހުންނަ ގޮތަކީ ވެސް ސިއްހަތަށް ބޮޑު އަސަރެއް ކުރާ ކަމެކެެވެ. ނިދާ ކޮޓަރީގައި މާ އަލިގަދަ ވެއްޖެނަމަ ނިދަން އުނދަގޫވެ އެކި މައްސަލަތައް ކުރިމަތިވެ އެވެ.
އެއާއެކު ސިޓިންރޫމް ނުވަތަ އާއްމުކޮށް އުޅޭ ތަންތަން އަލިމަޑު ކޮށް ބެހެއްޓުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ ކަމެކެވެ.
މިކަންކަމަށް ބަލާއިރު ގޭތެރޭގެ އިންޓީރިއާ ޑިޒައިން ކުރުމުގައި ސިއްހަތަށް ކުރާނެ އަސަރުތައް ދެނެގަނެ އެއާ އެއްގޮތަށް ގޭތެރެ ޒީނަތްތެރި ކުރުމަކީ މުހިންމު ކަމެކެވެ.