އަޖޭ ދޭވްގަންއަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން މަސައްކަތަށް އެންމެ ފަރުވާތެރި އެއް އެކްޓަރުގެ ގޮތުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ޑައިރެކްޓަރުން ސިފަކުރާ އެކްޓަރެކެވެ.

އެގޮތުން ބޮލީވުޑް ފިލްމު "ސިންގަމް އަގެއިން"ގެ ޝޫޓިންގެ ތެރެއިން އަޖޭގެ ލޮލަށް އަނިޔާވެ ލޮލުގެ ފެނުން ގެއްލުނު ކަމަށް ވެސް އެ ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ހާމަކުރި އެވެ.

މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް 18"ގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވި އަޖޭއާއި އެ ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ވަނީ އެ ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އެ ހާދިސާ ހިނގަން މެދުވެރިވީ އެކްޝަން މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި އެކްޓަރުންގެ ޓައިމިން ދިމާ ނުވެގެން ކަމަށް ރޯހިތު ބުންޏެވެ.

އެއާއެކު އަޖޭގެ ލޮލަށް އަނިޔާވެ ގާތްގަނޑަކަށް ތިން މަސް ދުވަސް ވަންދެން އޭނާގެ ލޮލުގެ ފުރިހަމަ ފެނުން ގެއްލުނު ކަމަށާއި އެކަމަށް ސާޖަރީއެއް ކުރަން ޖެހުނުކަން ވެސް ރޯހިތު ފާހަގަކުރި އެވެ.

އެކަމާ ގުޅިގެން ސަލްމާން ބުނީ އެކްޝަން ފިލްމުތަކުގައި އެފަދަ ހާދިސާތައް ހިނގުމަކީ އާއްމު ކަމެއް ކަމަށާއި އެފަދަ ފިލްމުތަކުގައި އުޅޭ ތަރިންނަށް ސާބަސް ދޭންޖެހޭ ކަމަށެވެ.

އަޖޭގެ އިތުރުން އަކްޝޭ ކުމާރު، ކަރީނާ ކަޕޫރު، ދީޕިކާ ޕަދުކޯން އަދި ޓައިގާ ޝްރޮފް ފެނިގެންދާ އެ ފިލްމު ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށެވެ.