ރާއްޖޭގެ ބަލިތަކުގެ ވައްޓަފާޅި ހުރި ގޮތުން އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށާއި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހެން އެންމެ ބޮޑަށް މަގުފަހިވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ގެނެސްދޭ "ތަރުޖަމާނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތައް ފަދަ ކަންކަން ތަންފީޒު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ނުކޮށް ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ކުރާ މަސައްކަތުން ނަތީޖާއެއް ނުނެރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ބަލިތަކުގެ ވައްޓަފާޅި ހުރި ގޮތުން އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހެން އެންމެ ބޮޑަށް މަގުފަހިވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައިވާ ގައުމަކަށް މި ސަރުކާރުގައި ވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ދުންފަތުގެ ގާނޫނަށް މި ގެނެވުނު އިސްލާހުތަކާ އެކު ޓެކްސް ބޮޑުކުރުމާއި ގަނެވިއްކުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ހަރުދަނާކުރުމާއި ރަޖިސްޓްރޭޝަން ސްޓްރެންތެންކުރުމާއި، ވޭޕް މަނާކުރުމާއި އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި 2007ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް ކުއްޖަކަށް އަދި އޭގެފަހުން އެއްވެސް ދިވެހިރައްޔިތަކަށް ދުންފަތުގެ މުއާމަލާތްކުރުމަކީ ވިޔަފާރީގެ ގޮތުން ވެސް އެ ނޫން ގޮތަކުން ވެސް އެއީ ގާނޫނީ ކުށަކަށް ހެއްދެވުމާއި މި ހުރިހާ ކަމެއްގެ ނަތީޖާއަށް ވެގެން ދާނީ މި ގައުމަކީ ދުންފަތާ ދުރުހެލި މުޖުތަމައުއަކަށް ވެގެންދިއުން ކަމަށެވެ.
އޭނާ ވިދާޅުވީ ދުންފަތާ ދެކޮޅަށް އެޅޭ ފިޔަވަޅު ވާނީ އާންމު ސިއްހަތު ރައްކާތެރިކުރަން މުހިންމު ކަމަކަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދެމުން އައީ ޕްރައިމަރީ ހެލްތު ކެއާއަަށް ކަމަށެވެ. ރަށްރަށުގައި ޑޮކްޓަރުންގެ ހިދުމަތް ލިބެން ނެތް އިރު ވެސް ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ފަދަ މަސައްކަތްތެރިންގެ ހިދުމަތް ލިބެމުން އައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޒަމާނުއްސުރެ އޮތް އެ ނިޒާމު ދޫވުމަކީ ލިބުނު ގޮންޖެހުމެއް ކަމަށާއި އެހެންކަމުން މިހާރު ކުރަނީ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ މައުލޫމާތު އެއްކުރެެވުމުން ވަކި ރަށެއްގައި އުޅޭ މީހުންގެ ތެރެއިން ސިއްހަތަށް އެންމެ ނުރައްކާ ބޮޑެތި މައްސަލަ ހުރި މީހުން ދެނެގަނެވޭނެ ކަމަށެވެ. އޭރުން ދުރާލައި ޑޮކްޓަރަށް ދައްކައި ދެނެގަނެ، ޗެކްއަޕް ހެދުމުގެ ނިޒާމަކަށް މީހުން އަހުލުވެރިވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިހާރު 12 އަތޮޅެއްގެ ރަށްރަށުން އެ މައުލޫމާތު ނަގައިފައިވާ ކަމަށާއި އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތެރިން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އަމާޒަކީ ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭ ނުނިމި ހުރި އަތޮޅުތަކުން އެ މައުލޫމާތު ހޯދުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެއާއެކު މިފަދަ ކަންކަމަށް ނުބަލައި، ސިއްހީ ނިޒާމު ހަރުދަނާކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ވާނީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވި އެވެ.
ފައިސާ ޗާޕްކުރުން ކުރިއަށްގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ
ގުދުރަތީ ގޮތުން ވެސް ބުމަ ރީތި ކުރެވިދާނެ!