ހަނދުގައި ނިއުކުލިއާ މަރުކަޒެއް ގާއިމު ކުރުމަކީ ދެކޭ ހުވަފެނެއް ކަމަށާއި އެގޮތުން ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ރަޝިޔާއިން ހަނދުގައި ނިއުކްލިޔާ މަރުކަޒެއް ގާއިމްކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ރަޝިއާއިން ގަބޫލުކުރާ ގޮތުގައި އެ ގައުމަކީ ޖައްވީ ހޯދުންތަކުގައި އެންމެ ކުރި އަރާފައިވާ އެއްގައުމެވެ. އެގޮތުން އެ ގައުމުގެ ތާރީޙަށް ބަލާލި ނަމަވެސް އެކަން ފެންނަ އޮތް ކަމަށް އެގައުމުން ބުނެ އެވެ.

1961ވަނަ އަހަރު ކުރީގެ ސޯވިއެޓު ޔޫނިއަންއަށް ނިސްބަތްވާ ޔޫރީ ގަގާރިން ފުރަތަމަ ފަހަރަށް ހަނދަށް ދިޔަކަމުގެ ވާހަތަކެއް ދުނިޔޭގެ ތާރީޚުގައި ލިޔެވިފައިވެ އެވެ. އެހިސާބުން ރަޝިއާއިން ގަބޫލުކުރަމުން އައީ އެ ގައުމަކީ ޖައްވީ ހޯދުންތަކުގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމެއްްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ފަހުގެ އަހަރުތަކުގައި އެމެރިކާއާއި ޗައިނާއިން ދަނީ ރަޝިޔާގެ މައްޗަށް އެ ދާއިރާއިން ކުރި ހޯދަމުންނެވެ. ވާދަވެރިކަން އިތުރުވެފައިވާއިރު ރަޝިޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ދާއިރާއިން އަނެއްކާ ވެސް ކުރި ހޯދާށެވެ.

ރަޝިޔާގެ ޖައްވީ ކަންތައްތަކާބެހޭ ގައުމީ އިދާރާ، ރޮސްކޮސްމޯސްއިން ބުނީ 2036ވަނަ އަހަރުގެ ކުރިން އެ ޤައުމުން ހަނދުގައި ހަކަތަ އުފައްދާ މަރުކަޒެއް ޤާއިމްކުރާނެ ކަމަށެވެ.

އެއީ ރަޝިޔާއިން ހަނދުގައި ހިނގުމަށް ރާވާފައިވާ މަޝްރޫޢުއާއި ޗައިނާއާ ގުޅިގެން ޤާއިމް ކުރާ ބައިނަލްއަޤްވާމީ ރިސަރޗް މަރުކަޒުގެ ބޭނުމަށް ހަކަތަ އުފައްދައިދޭނެ މަރުކަޒެއް ކަމަށް ރޮސްކޮސްމޯސްއިން ބުނެ އެވެ.