ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ދައުލަތުގެ ކުންފުނިތައް ހަދައިގެން މަސައްކަތްކުރުމުގެ ސަބަބުން އެ ކުންފުނިތަކުގެ މިސްރާބު ހުރީ ބަނގުރޫޓުވުމާ ދިމާއަށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ގެއްލުމާއި ދަރަނި ބޮޑުވެ، ފާޑުކިޔުންތައް އަމާޒުވަމުން އަންނަ މި ދަނޑިވަޅުގައި އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކަށް އެއްވެސް އިރެއްގައި ނުވާ ވަރުގެ ގެއްލުންތައް މިހާރު ލިބިފައިވާ ކަމަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ގައުމީ ބޭންކް، ބީއެމްއެލްއާއި އެއާޕޯޓުތައް ބަލަހައްޓާ އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ހަމައެކަނި މަސައްކަތަކީ ރައީސް މުޢިއްޒުގެ ސިޔާސީ އެޖެންޑާއަށް ޚަރަދުކުރުން ކަމަށް ހަދާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެންވެ، އެ ކުންފުނިތައް ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އަދާލަތު ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލައިގައި އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ސަރުކާރުން ކޯޕަރޭޓް ގަވަނަންސްގެ ހަމަތަކާ ޚިލާފުވެ، ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ފަސާދަ އާންމުކޮށް، ދިވެހީންގެ ހަރުމުދާ ލޫޓުވާ ގޮތަށް ކުންފުނިތައް ހިންގާ ކަމަށް ބުނެ، އަދާލަތު ޕާޓީން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަހަރުތަކެއް ވަންދެން ބޮޑު ފައިދާ ނެރުނު ކުންފުނިތަކަށް ގެއްލުންވާން ފެށުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ކަމަށް އެ ޕާޓީން ތުހުމަތުކުރި އެވެ.
"ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ލިބުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ދައުލަތް ލޫޓުވަން ލިބޭ ފުރުސަތެއް ކަމަށް ނުދެކުމަށް ރައީސް މުއިއްޒަށް އިލްތިމާސްކުރަމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އަދާލަތުން ވަނީ ވާދަވެރި ޓެންޑަރުގެ އުސޫލުތަކުގެ ބޭރުން އެއްވެސް ހަމައެއް ނެތި ބަހާލާ މަޝްރޫއުތަކުގެ ނަމުގައި ބީއެމްއެލްގައި ހުރި ރައްޔިތުންގެ ފައިސާ، ރައީސް މުއިއްޒުގެ އެކުވެރިންނަށް ބަހާލި ކަމަށާއި އެމްއޭސީއެލްގެ ހަރުމުދާ ރަހުނުކުރުމަށް ފަހު ބޮޑެތި އަދަދުތަކުން ދަރަނި ނަގާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އަދި އެ ކަންކަން ވަގުތުން ހުއްޓާލަން އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓުގައި، ކުރިން ފައިދާގައި ހިންގި އެމްޓީސީސީއަށް ވެސް ވަނީ 19.66 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. އެއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވީ 3.8 މިލިއަންގެ ގެއްލުމާ ބަލާއިރު ބޮޑު ދަށްވުމެކެވެ.
މީގެ އިތުރުން، ޕީސީބީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ފެނަކައަށް އެކަނި ވެސް މިދިޔަ އަހަރު 437 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އާރްޑީސީއަށް 114 މިލިއަން ރުފިޔާގެ ގެއްލުންވިއިރު ފެނަކައަށް 33.7 މިލިއަންގެ ގެއްލުންވި އެވެ. އައިލެންޑް އޭވިއަޝަނަށް ވެސް 46.4 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.
އެމެރިކާއިން ވެނެޒުއެލާގެ އިތުރު ހެޔޮބޯޓެއް ހިފަހައްޓައިފި
"ފާސްޓް އެންޑް ފިއުރިއަސް"ގެ ޓީމަށް ރޮނާލްޑޯ ގުޅިއްޖެ
ހިޔާ ފްލެޓްގައި ހިނގީ ދެބެންގެ ދެމެދުގެ މާާރާމާރީއެއް