އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން އަންނަ ޖެނުުއަރީ 16، އަށް އަވަސްކޮށްފި އެވެ.
އެމްޑީޕީން ޕްރައިމަރީ ބާއްވަން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ. އެހެން ނަމަވެސް އެ ނިންމުން ބާތިލްކޮށް މިއަދު ނެރުނު އެ ޕާޓީގެ އިއުލާނުގައި ބުނީ ޕްރައިމަރީ ބާއްވަން މިހާރު ނިންމާފައިވާ ތާރީހަކީ ޖެނުއަރީ 16 ކަމަށެވެ. އެގޮތުން ޖެނުއަރީ 16 ވަނަ ދުވަހު ގެ މެންދުރުފަހު 02:30 އިން ރޭގަނޑު 08:00 އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
"އިލެކްޝަން ކޮމިޝަންއިން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމުގެ ތާރީހު 17 ޖެނުއަރީ 2026 އިން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ ކަމަށް ވަނީ މައުލޫމާތު ދެއްވާފައި. އިލެކްޝަން ކޮމިޝަންއިން ދާއިމީ ރިޕޯޓް އާއްމުކުރުން ޓައިމްލައިން އިއުލާންކުރެވޭނެ ވާހަކަ ދަންނަވަން،" އެމްޑީޕީން ބުނެފައިވެ އެވެ.
އެ އިންތިހާބުގައި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 646 ކައުންސިލަރުން ހޮވާނެ އެވެ. އެއީ 2021 ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްވުރެ 336 ކައުންސިލަރުން މަދު އަދަދެކެވެ.
އޭގެ ތެރެއިން އެމްޑީޕީއިން ޕްރައިމަރީ ބާއްވަނީ ކިތައް ދާއިރާއެއްގައި ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައިވާ ގޮތުން 133 ރަށެއްގެ ކައުންސިލުގައި ދެން ތިބޭނީ ތިން މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އާއި އަންހެން މެންބަރެއްގެ އިތުރުން، އިތުރު އެއް މެންބަރެވެ.
ކުރިއަށް އޮތް އިންތިހާބުގައި މިހާރު ވެސް އޮތް ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 46 ރަށެއްގަ އެވެ. އެއީ ކައުންސިލްގެ ރައީސް އާއި ދެ އަންހެން ކައުންސިލަރުން އަދި އިތުރު ދެ ކައުންސިލަރުންނެވެ.
މޭޔަރުންނާއެކު ރާއްޖޭގައި މިހާރު އޮތް ފަސް ސިޓީގެ ސިޓީ ކައުންސިލަރުންގެ އަދަދާއި ކައުންސިލަރުން ހޮވާނެ ދާއިރާތައް ވެސް އީސީގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.
އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީ ޖެނުއަރީ 16 ގައި ބާއްވަން ނިންމިއިރު، ވެރިކަން ކުރާ ޕާޓީ ޕީއެންސީން ވެސް އެ ޕާޓީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗު 28 ގަ އެވެ.
ޔޫކްރޭނަށް 90 ބިލިއަން ޔޫރޯގެ ލޯނު ދޭން އެއްބަސްވެއްޖެ
"ހާޓް އޮފް މޯލްޑިވްސް" މާފުށީ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި