ބިންވެރިޔާ ސްކީމުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުމުގެ މީހުންގެ މެދުގައި ދެވަނަ ފަހަރަށް ނެގި ގުރުއަތުލުން މިއަދު ބާއްވައިފި އެވެ.

ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ނިންމީ، ހުޅުމާލޭގެ މާސްޓާ ޕްލޭންއަށް މެއި 26، 2025 ގައި ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ބަދަލުތަކެއް އައުމުންނެވެ.

އެ ސަރަހައްދުން ހަތް ސައިޒެއްގެ 698 ގޯތި ވަނީ ދޫކޮށްފަ އެވެ.

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ހައުސިން މިނިސްޓްރީން ފޭސް ތިނަކުން ދިން ގޯތިތަކުގެ ގުރުއަތުލުން މިއަދު ކަލާފާނު ސްކޫލުގައި ބޭއްވިއިރު، އެ މިނިސްޓްރީން ބުނި ގޮތުގައި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު މާސްޓާ ޕްލޭނުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭގެ ފޭސް ތިނެއް، މިހާރު ހުރި ބިންތަކާ ގުޅުވައިލުމެވެ. ކުރީގެ ޕްލޭނުގައި، ފޭސް ތިނަކާއި ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިލަނީ ބްރިޖަކުންނެވެ. އެކަމަކު، ފޭސް ތިނެއް ދެން ގުޅުވައިލާނީ ބިން ހިއްކައިގެންނެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ތިން ފޭހުގެ ކަނެކްޓިވިޓީ އިތުރުވާނެ އެވެ.

އޭގެއިތުރުން މާސްޓާ ޕްލޭންއަށް ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ކުރީގެ ޕްލޭންގައި އޮތީ ފޭސް އެކެއްގެ ފަޅުތެރެއިން ވެސް ބައެއް ހިއްކައި އެ ތަނުން ގޯތި ދޭ ގޮތަށެވެ. އެހެންނަމަވެސް، މާސްޓާ ޕްލޭންއަށް ގެނައި ބަދަލުގައި ފޭސް އެކެއްގެ ފަޅުތެރެއިން ހިއްކާ ސަރަހައްދު ވަނީ ކުޑަކޮށްފަ އެވެ. އަދި އެ ސަރަހައްދުން ގޯތި ވެސް މިހާރު އޮތް ޕްލޭނުގެ ދަށުން ނުދޭނެ އެވެ.