އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާ ގުޅޭ އުސޫލަށް މީޑިއާތަކުގެ ހިޔާލާއި މަޝްވަރާ ހޯދަން މީޑިއާތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފި އެވެ.
އެމްއެމްބީސީން މީޑިއާތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމާފިވާކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު" އަށް ގެންނަންފެންނަ ބަދަލުތައް ކަނޑައެޅުމަށްޓަކައި މީޑިއާގެ ފަރާތްތަކާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމަށް ދަޢުވަތު އަރުވާކަމަށެވެ.
"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުިމާބެހޭ އުސޫލު" އަށް ގެންނަންފެންނަ ބަދަލުތައް ކަނޑައެޅުމަށްޓަކައި މީޑިއާގެ ފަރާތްތަކާއިއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމަށް ދަޢުވަތު އަރުވަން." އެމްއެމްބީސީގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެމްއެމްބީސީން މި މަސައްކަތް ފަށާފައިވަނީ، މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީ އާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމާއެކު އެވެ.
މިނިސްޓްރީން ބުނީ، މި އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާ ގުޅިގެން، އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެކެވެ.
މި އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިން ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަން އެމްއެމްބީސީން ކުރިއަށް ގެންދިއުމަށް ހަވާލުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެމްއޯޔޫގެ ދަށުން މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ހިއްސާކުރުމާއެކު އެ ފައިސާ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިއާއި އެކު އެމްއެމްބީސީން ކުރި އިއުލާނެއްގައި ބުނީ، ޔޫތު މިނިސްޓްރީން ކުރިން އެކުލަވާލާފައިވާ އުސޫލު މުރާޖައާކުރުމުގެ މަސައްކަތުގެ ތެރެއިން، މީޑިއާތަކަށް އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އުސޫލަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހުގެ މެނދުރު 2:00 ތާވަލުކޮށް، މީޑިއާތަކަށް ދައުވަތު އަރުވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހު ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފަ އެވެ. އެ ނިންމުން އައީ ބައެއް މީޑިއާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބަށް ޝަކުވާތައް ގެންދިއުމާ އެކު އެވެ.
މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އާންމުކުރި އެވެ. ޔޫތު މިނިސްޓްރީން އެ ލިސްޓު އާންމުކުރުމާ އެކު، ބައެއް މީޑިއާތަކުންނާއި އާންމުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.
މަސްލަހަތު ފުށުއަރާ ގޮތަށް މީޑިއާތަކަށް ފައިސާ ދޭން ނިންމާފައިވުމާއި އިންސާފުވެރި އުސޫލެއް ނެތި ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ، މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރަން، ރައީސް އޮފީހުން ޔޫތު މިނިސްޓްރީއަށް އަންގާފައިވަނިކޮށެވެ.
މިއާއި އެކު އެމްއެމްބީސީން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއިބެހޭ އުސޫލު" އަށް ގެންނަންފެންނަ ބަދަލުތައް ކަނޑައެޅުމަށްޓަކައި މީޑިއާގެ ފަރާތްތަކާއިއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމަށް ދަޢުވަތު އަރުވާފައިވާއިރު، މި ބައްދަލުވުން އޮންނާނީ މި ހިނގާ ޑިސެމްބަރު މަހުގެ 20 ވީ ހޮނިހިރު ދުވަހުގެ، މެންދުރުފަހު 2:00 ގައި މަޖީދީ މަގުގައި ހުންނަ ގ. ބިއްލޫރިޖެހިގޭގެ ދެވަނަ ފަންގިފިލާގައި އެވެ.
ޝަމްއާން ބަންދުން ދޫކުރެވެން ނެތްކަމަށް ނިންމައިފި
މިއަހަރުގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި
ވިޔަފާރިވެރިންނަށް ސަރުކާރުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާ!