ނަރުހުންނާއި ޓީޗަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް ސަރުކާރުގެ ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު ޝާއިއުކޮށްފަ އެވެ.

އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ހިމަނާފަ އެވެ. އަދި އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް އެ ގަވާއިދުގެ ދަށުން ވަނީ ދީފަ އެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތައް:

• ހެއާ ޑްރެސަރުން

• ބިއުޓީޝަނުން

• ބޭބީ ސިޓާސް

• ޕާސަނަލް ޓްރެއިނާސް

• އިލެކްޓްރީޝަނުން

• ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)

• ޓުއާ ގައިޑުން

• އެކައުންޓެންޓުން

• އިމާމުން

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތައް:

• ޑައިވަރުން

• ނަރުހުން

• ބިލްޑިން އިކްސްޕެކްޓަރުން

• ސާވޭޔަރުން

• ސައިޓް ސުޕަވައިޒަރުން

• ޕައިލެޓުން

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:

• އިލެކްޓްރިކަލް އިންޖީނިއަރުން

• ޑައިވް އިންސްޓްރަކްޓަރުން

ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:

• ހައުސް ކީޕިން މެނޭޖަރުން

• ހިއުމަން ރިސޯސް މެނޭޖަރުން

• ޕްރަންޓް އޮފީސް މެނޭޖަރުން

• ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން

މި ސަރުކާރުން ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވިދާޅުވެފައިވެ އެވެ. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.