މޭކަޕް ކުރުމަކީ މިއަދު ގިނަ ބަޔަކު ކުރާ ކަމެކެވެ. އެކި މީހުން އެކި ފެންވަރުގައި އެކަން ކުރާއިރު ގިނަ މީހުންނަކީ މާ ބޮޑު އެއްޗެއް ނޭނގި އެކަން ކުރާ މީހުންނެވެ.
ނަތީޖާއަކަށް ވަނީ ބައެއް ފަހަރު މީހާއާ ނުގުޅޭ ގޮތްގޮތަށް މޭކަޕް ކުރެވި ބުރުސޫރަ ހަޑިވުމެވެ. އެހެންވެ މިފަހަރު މި ކިޔައިދެނީ މޭކަޕް ކުރުމުގައި ސަމާލުވާން ޖެހޭ ކަންކަމެވެ.
ބުމައިގައި އައިޝެޑޯ އެޅުން
ބުމައިގައި ފަންސޫރު ހޭކުން ވަރަށް އާންމެވެ. ނަމަވެސް ފަންސޫރުން ކުލަ ޖައްސާފައި ހުރުމުން އެހާ ރީއްޗެއް ނޫނެވެ. ބުމަ މަތިން ކުލަ ޖައްސާފައި ހުންނަ ސިފަ އާދެ އެވެ. މޭކަޕް ކުރުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ފަންސޫރަށް ވުރެ، ބުމައިގެ އިސްތަށީގެ ކުލަޔާ ގުޅޭ ކަހަލަ އައިޝެޑޯއެއް ބޭނުންކުރުން ރަނގަޅެވެ. ހިމަ ސްޓިފް ފިއްސަކުންނާއި އޭންގަލް ފިއްސަކުން އިސްތައްޓާ އެއްކޮޅަށް އިސްތަށީގެ ދޭތެރެ ތަކުގައި އައިޝެޑޯ ޖައްސާލާށެވެ.
ރަނގަޅު ފައުންޑޭޝަނެއް ހިޔާރު ކުރުން
ހަންގަނޑުގެ ކުލަ ގަދަވެފައި ހުންނަ ގޮތް ފައުންޑޭޝަނަކުން ދަައްކާނަމަ ފައުންޑޭޝަން ބަދަލު ކުރާށެވެ. އެގޮތް ބޭނުންވާ ނަމަ އުނގުޅާނީ ބްރޮންޒާ އެވެ. ފައުންޑޭޝަނެއްގެ ބޭނުމަކީ ހަންގަނޑުގައި ހުންނަ ބައެއް ލައްތައް ފޮރުވައި މުޅި ހަންގަނޑު އެއްކުލަޔަކަށް ގެނެސް އޮމާންކޮށް ދެއްކުމެވެ. އެހެންވެ، އަބަދުވެސް ހަންގަނޑުގެ ކުލަޔާ އެންމެ ގުޅޭ ފައުންޑޭޝަނެއް ހިޔާރު ކުރާށެވެ. ފައުންޑޭޝަން ގަންނަ އިރު އަތުގައި ޓެސްޓު ނުކޮށް ދަތްދޮޅި ކައިރީގައި އުނގުޅާލައިގެން ޓެސްޓު ކޮށްލާށެވެ.
ދުވާލުގަޑީގައި ކަޅު ކުލައިގެ އައިލައިނާ ބޭނުން ނުކުރުން
އައިލައިނާ އަޅާއިރު، ގަދަ ކުލަތަކުން ލޯ ކުޑަކަން އަދި އަލި ކުލަތަކުން ލޯ ހުޅިވިފައި ހުންނަ މިންވަރު ބޮޑުކަމަށް ދައްކާނެ އެވެ. މާހިރުން ލަފާ ދެނީ ދުވާލު ގަޑީގައި ލޮލުގައި ކަޅު ކުލައިގެ އައިލައިނާ ނޭޅުމަށެވެ. ހާއްސަކޮށް ލޮލުގެ ތިރީގަ އެވެ. ކަޅު ކުލަައިގެ ބަދަލުގައި، ދުވާލުގަޑީގަައި މުށި ކުލައިގެ އައިލައިނާއެއް އެޅުން މާ ރަނގަޅެވެ.
މޫނުމަތި ކޮންޓުއާ ނުކުރުން
ކޮންޓުއާރިންގް ޓެކްނީކަކީ އެކަމުގެ ޕްރޮފެޝަނަލް މީހުންނަށް ދޫކޮށްލާފައި ބަހައްޓަންވީ ކަމެކެވެ. އާދައިގެމަތިން ކޮންމެ ދުވަހަކުގެ ބޭރަށް ނުކުމެ އުޅެން ކޮންޓޯ ކުރުން އެހާ ރަނގަޅެއް ނޫނެވެ. މިއީ ފޮޓޯޝޫޓު ނުވަތަ ހާއްސަ ހަފުލާތަކަށާއި ނުވަތަ ފިލުމް ޝޫޓިން ފަދަ ކަންކަމަށް ކުރަން ރަނގަޅު ކަމެކެވެ. ކިތަންމެ މޮޅަށް ކޮންޓުއާ ކޮށްފައި ހުއްޓަސް އާދައިގެ ދުވަހެއްގައި އައްޔަށް ނުކުމެ ކައިރިން ބަލާލައިފިއްޔާ ވަރަށް ބޮޑަށް ދައްކާނެ އެވެ.
ހިކިފައި ހުންނަ ހަންގަނޑުގައި މޭކަޕް ނުއުނގުޅުން
މޫނު އާދަޔާ ހިލާފަށް ހިކޭ ނަމަ ނުވަތަ ތަންތަން ކޮޅުން ހަން ފޮޅޭ ނަމަ އޭގެ މަތިން ފައުންޑޭޝަން އުނގުޅުމުން އިތުރަށް ހަޑިވާނެ އެވެ. ހަމަށް ބްލެންޑު ވުމުގެ ބަދަލުގައި ވަކި ވަކިން ފައުންޑޭޝަންތައް އެނގެން ހުންނާނެ އެެވެ. ފުރަތަމަ މޫނު ހިކެން މެދުވެރިވާ ސަބަބަށް ހައްލެއް ހޯދާށެވެ. ގަވައިދުން އެކްސްފޮލިއޭޓް ކޮށް ރަނގަޅު މޮއިސްޗަރައިޒާ އެއް ބޭނުން ކުރާށެވެ. ނުވަތަ ސެލޫނަކަށް ގޮސް ކަމުގެ ތަޖުރިބާކާރެއްގެ ކައިރިން ހަންގަނޑު ޓެސްޓު ކޮށްލައި އެކަމަށް ކުރެވޭނެ ކަންތައްތައް ބަލާލާށެވެ. ހަންގަނޑު އޮމާން ވީ ވަރަކަށް މޫނުގައި އުނގުޅާ އެއްޗެހި ބްލެންޑު ވާލެއް ވެސް ރީތި ވާނެ އެވެ.
ބޯނަސްގެ ގޮތުގައި ޓޭލާގެ ޓީމަށް 197 މިލިއަން ޑޮލަރު!
ދިރާސާ ކުރުމާ ގުޅޭގޮތުން ފަޔާޒު ލިޔުއްވި ފޮތް ނެރެފި
ނިދާއިރު ކައިރީގައި ފޯނު ބޭއްވުން ހުއްޓާލަން ޖެހޭ!