ހުޅުމާލެއިން އެއްކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓްތައް ލިބޭނެގޮތް ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

އެފަދައިން ނިންމެވިކަން ރައީސް ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ އެއީ ގިނަ ބައެއްގެ ކަންބޮޑުވުމެއްކަމުން މިހާރު ގެޒެޓްކޮށްފައިވާ އުސޫލު އިސްލާހުކޮށް އެެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންނަށް އެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ލިބޭނެގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ގިވާރުފަޅު ހިއްކުމުގެ މަސައަތް ނިމޭނެ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ މިހާރު ހިއްކަން ފަށާފައިވާ ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކައި ނިންމުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ބިންތައް ހިއްކައި ނިމުނުހާ އަވަހަކަށް މިދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއެކު ކަމަށާއި ކޮންމެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ އެ މީހުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި އެކަންތައްތައް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަބަދުވެސް އަޅުގަނޑު ކަންތައްތައް ކުރާގޮތަކީ މަޝްވަރާގެ އުސޫލުން. ކުރިއަށްއޮތްތަނުގައި ވެސް އަޅުގަނޑު މަސައްކަތްކުރާނީ އެގޮތަށް،" ރައީސް ވިދާޅުވި އެވެ.