ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުން މިއަދު އެދިއްޖެ އެވެ.

މިދިޔަ ހަފުތާއިން ފެށިގެން ލަންކާއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުން ގެތަކާއި ދަނޑުތަކާއި މަގުތަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން، ތޫފާނުގެ ސަބަބުން މިހާތަނަށް 123 މީހަކު މަރުވެ، 130 މީހަކު ގެއްލިފައިވެ އެވެ. އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް ބޯކޮށް ވާރޭވެހެމުން ދިޔުމުންނާއި ފެންބޮޑުވެ، މަގުތައް ބަންދުވެފައި ވުމުން އެ މަސައްކަތަށް ދަތިތަކާ ކުރިމަތިވެފައިވެ އެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ގައުމަށް ދިމާވެފައިވާ ކާރިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް، ހެޔޮ އެދޭ ފަރާތްތަކުގެ އެހީއަށް އެދިފަ އެވެ.

ހައި ކޮމިޝަނުގެ އިއުލާނުގައި ވަނީ އެހީގެ މަސައްކަތްތަކަށް ހައި ކޮމިޝަންގެ ތިން އޮފިޝަލުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ލަންކާގައި ތިބި އާއިލީ ނުވަތަ އެހެނިހެން ގާތް މީހުންގެ ހާލަތު ބެލުމަށާއި ލަންކާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު މި ނަމްބަރުތަކުން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

  • ފަސްޓް ސެކްރެޓަރީ ތިމުތޫ ޑިސަނަޔަކޭ

ވަޓްސްއެޕް: 703583583 0094، އީމެއިލް:[email protected]

  • ސެކަންޑް ސެކްރެޓަރީ ސުޖީތާ ގުނަތިލަކަ

ވަޓްސް އެޕް: 7717858 0096، އީމެއިލް:- [email protected]

  • ޕާސަނަލް އެސިސްޓެންޓް ޑިލިނީ ސުވަންޑަރަޓްނެ

ވަޓްސް އެޕް: 7662788 0096 އީމެއިލް:- [email protected]

ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާގެ އެހީ ފޮނުވުމަށް ލަންކާ ސަރުކާރުން ވަނީ ޚާއްސަ އެކައުންޓުތަކެއްގެ ތަފުސީލު ދީފަ އެވެ.

ޑޮލަރު އެކައުންޓް ނަމްބަރު: 021083514

އެކައުންްޓް ނަން: ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާ

ލަންކާ ރުޕީސް އެކައުންޓް ނަމްބަރު: 50516

އެކައުންޓް ނަން: ޑީއެސްޓީ

ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭނެ އެކައުންޓް ތައް

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން މިއަދު ނިންމާފައި ވެ އެވެ.

ފަހުގެ ތާރީޚެއްގައި ލަންކާއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މޫސުމީ މި ކާރިސާގައި 44،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައިވެއެވެ. މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް މިހާރު ވިއްސާރަ ކުރަމުންދަނީ ވަރަށް ބޮޑަށެވެ.