އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
މި ފުރުސަތު އެ ކޮމިޝަނުން ހުޅުވާލާފައިވަނީ އަންނަ މަހުގެ 21ވަނަ ދުވަހާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރެއްވި އިއުލާނުގައިވާގޮތުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި އިންތިހާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާއާއި އެހީތެރިންނާއި އޮފިޝަލުން އަދި ގުނާ އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅޭނެ އެވެ.
ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާ، އޮފިޝަލުންނަށް 2300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރާ މީހުންނަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެންނުވާނެ އެވެ.
އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލާފައިވާ މީހަކަށް ވެގެންނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10ން 27އަށް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަންނަ މާޗު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށެވެ.
ސަރުކާރަށް ދެ އަހަރު ވީއިރު، ހަމަ އެކަނި ކުރެވުނު ކަމަކީ ވައްކަން
ޑްރަގްގެ މައްސަލަތަކާ އޭނާގެ ނަން ގުޅުވާތީ ނޯރާ ރުޅިގަދަ ވެއްޖެ
ޣައިރުގާނޫނުގައި މަތިއަޅަން ވެސް ހުށަހެޅީ ގާނޫނާހިލާފު އިސްލާހެއް
