ފުވައްމަލަކުގައި ޕްލާންޓުން ދޫކުރާ ފެން މުޅިން ތަޣައްޔަރުވެ، މި ރަށުގެ ގިނަ ރައްޔިތުން ފެން ހޯދަން މިރޭ ފިހާރަތައް ކައިރީގައި ކިޔޫ ދަމާލައިފި އެވެ.

އާބާދީގައި 14 ހާހެއްހާ މީހުން އުޅޭ ފުވައްމުލަކުގެ ޕްލާންޓުން ދޫކުރާ ފެން ގޭގެ ވަޅު ފެނާއި ގުޅިގެން މުޅިން ތަޣައްޔަރުވެ، ފެން ބޭނުން ނުކުރެވޭ ވަރަށް މުޅި ނެޓްވޯކް ވަނީ ހަލާކުވެފަ އެވެ.

އެހެން ކަމުން މިވަގުތު އެ ރަށުގެ ރައްޔިތުން ދަނީ ސާފު ފެންފޮދެއް ވެސް ލިބޭނެ ގޮތެއް ނެތި ގޮތް ހުސްވެފަ އެވެ. އެގޮތުން މުޅި ރަށުގެ ފެނުގެ ނެޓްވޯކް މުޅިން ހަލާކުވެ، ފުޅީގައި ބަންދުކުރާ ފެންފޮދެއް ވެސް މިވަގުތު ގިނަ ބަޔަކަށް ނުލިބޭ ކަމަށް އެ ރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ބޯފެން ހުސްވެ، ފުވައްމުލަކު ރައްޔިތުން އެ ރަށުގެ ފިހާރަތަށް ދޮށުގައި ބޯފެން ހޯދަން ކިޔޫ ހަދައިގެން. ފޮޓޯ: ހުރިހާ

މި ރަށު ރައްޔިތުން ފެނަށް ޖެހި، ފިހާރަތަކުގެ ކައިރީ ކިޔޫ ހަދައިގެން ތިބެ، ބޯނެ ފެންފޮދެއް ހޯދަން އާދޭސް ކުރަމުން ގެންދާ މަންޒަރު ދައްކުވައިދޭ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެހެންކަމުން ބޯނެ ފެންފޮދެއް ލިބޭތޯ ފުވައްމުލަކުގެ ގިނަ ރަައްޔިތުން ދަނީ އެ ރަށުގެ ފިހާރަތައް ކައިރިއަށް އެއްވެ، ފެން ހޯދުމަށް ކިޔޫގައި ޖައްސަމުންނެވެ. އެއާއެކު މިރަށުގެ ގިނަ ފިހާރަތަކުން ވަނީ ފުޅީގައި ބަންދުކުރި ފެން ހުސްވެފަ އެވެ.

ފުވައްމުލަކުގެ ބައެއް ފިހާރަކުން ބުނީ ފުޅީގައި ބަންދުކުރި ފެން އެއްކޮށް ހުސްވެފައިވާ ކަމަށެވެ. އަދި އިތުރު ފެން ރަށަށް ގެނެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ފިހާރަތަކުން ބުނެ އެވެ.

"އަޅުގަނޑުމެން އާއްމުކޮށް ފެން ގެންނަނީ ހަފުތާއެއްހާ ދުވަހަށް ފުދޭ ވަރަށް. ނަމަވެސް ކުއްލިއަކަށް މިކަހަލަ ހާދިސާއެއް ދިމާވުމުން ޑިމާންޑް އިންތިހާއަށް އިތުރުވެ ފެން ހުސްވީ،" ދޫނޑިގަމު އަވަށު ފިހާރައަކުން ބުންޏެވެ.

ފުވައްމުލަކުގައި މުޅި ފެނުގެ ނެޓްވޯކް ތަޣައްޔަރުވެ، ރަށުގެ ރައްޔިތުންނަށް ސާފު ފެންފޮދެއް ވެސް ނުލިބިފައި ތިބިއިރު، ފެނަކަ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ ފުވައްމުލަކު ފެނުގެ ނެޓްވޯކް ސާފްކުރުމަށްޓަކައި ހައިޑޯޒެއްގެ ކްލޮރިން ދަނީ ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރެވެމުން ކަމަށެވެ. އެހެންކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުން ނުކުރުމަށް ފެނަކައިން ވަނީ ފުވައްމުލަކު ރައްޔިތުންނަށް އަންގާފަ އެވެ.

ބޯފެން ހުސްވެ، ފުވައްމުލަކުގެ ބަޔަކު ހެޕީމާކެޓް ފިހާރަދޮށުގައި ފެންފުޅި ގަންނަން މިރޭ ކިޔޫ ހަދައިގެން. ފޮޓޯ: ހުރިހާ

ފެނުގެ ހިދުމަތް މެދުކެނޑޭ ގަޑިތަކުގައި ވޯޓާ ޕިޔުރިފަޔާ ނިއްވާލުމަށް ވެސް ފެނަކައިން ވަނީ އަންގާފަ އެވެ.

ފެނަކައިން ބުނީ ފުވައްމުލަކުގެ ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި މޭޖާ ލީކޭޖެއް އުޅޭ ކަމަށެވެ. އެހެންވެ މިއަދު 1:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ފުވައްމުލަކުން ފެނުގެ ހިދުމަތް ކަނޑާލި އެވެ.

ބޯފެން ހުސްވެ، ފުވައްމުލަކުގެ ބަޔަކު ހެޕީމާކެޓް ފިހާރަދޮށުގައި ފެންފުޅި ގަންނަން މިރޭ ކިޔޫ ހަދައިގެން. ފޮޓޯ: ހުރިހާ

ފުވައްމުލަކުގެ ގިނަ ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވާތާ އެތަކެއް މަހެއް ވެއްޖެ އެވެ. ދާދިފަހުން ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ފެނުގެ މައްސަލަ ވަގުތީގޮތުން ހައްލުކުރި އެވެ. ނަމަވެސް އެމަނިކުފާނު އެނބުރި ވަޑައިގަތްފަހުން އަނެއްކާވެސް މައްސަލަތައް ދިމާވާން ފެށި އެވެ.