މެޗު ވިއްކަން އެއްބަސްވި މައްސަލަތަކެއް ފެންމަތިވެ، ތުރުކީގެ 17 ރެފްރީއަކު ހިމެނޭ ހެން ޖުމުލަ 21 މީހަކު ހައްޔަރު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ވެރިރަށް، އިސްތާންބޫލްގެ ޗީފް ޕްރޮސެކިއުޓާ އޮފީހުން ބުނެފި އެވެ.

ތުރުކީގައި ބަލަމުންދާ ފުޓުބޯޅަ ބެޓިންގެ ބޮޑު މައްސަލަގަނޑުގެ ތެރެއިން 17 ރެފްރީން ހިމެނޭހެން 21 މީހަކު ހައްޔަރު ކުރަން އަމުރު ނެރެފައިވާއިރު، އެ މައްސަލައިގައި ތުރުކީގެ ފުޓުބޯޅަ އިދާރާއިން މިދިޔަ ހަފުތާގައި 149 ރެފްރީއަކު ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ. އެ ސަސްޕެންޝަން އައިސްފައި ވަނީ ސަރުކާރުގެ ފަރާތުން ކުރި ތަހުގީގުން، ރެފްރީން މެޗުތަކަށް ބެޓްކޮށް، ފައިސާ ނަގަން މަސައްކަތް ކުރިކަން ހާމަވުމުންނެވެ.

އެ މައްސަލައިގައި ޕްރޮސެކިއުޓާ އޮފީހުން ބުނީ، ހައްޔަރުކުރަން އަމުރު ކޮށްފައި ވަނީ 17 ރެފްރީންގެ އިތުރުން ކްލަބުތަކުގެ އިސް ވެރިންގެ ބައެއް ކަމަށެވެ. އެގޮތުން، ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ ޗެއާމަން ހިމެނޭ ކަމަށް ވެސް ނޫސްތައް ބުންޏެވެ.

އޭގެ އިތުރުން ކްލަބެއްގެ ރައީސަކާއި ކުރީގެ ވެރިއެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތުރުކީ ފުޓުބޯޅައިގެ ބޮޑު މައްސަލައެއް ފެންމަތިވެ، އެ ގައުމުގެ އެފްއޭ ރައީސް އިބްރާހީމް ހާސިއޯމަނަގްލޫ ވިދާޅުވީ، މި ވަގުތަކީ އެ ގައުމުގެ ފުޓުބޯޅައަށް އުނދަގޫ ވަގުތެއް ކަމަށެވެ. އަދި ހާއްސަކޮށް ރެފްރީން މެޗު ވިއްކި ކަމުގެ ބޮޑެތި ހެކިތައް ފެންނަން ހުރި ކަމަށް ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

ރެފްރީންގެ މައްސަލަތަކުގެ ތަފްސީލުތަކަށް ބަލާ އިރު، އޭގެ ތެރެއިން އެއް ރެފްރީއަކު 18،227 ބެޓެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި 42 ރެފްރީއަކު، 1،000 އަށް ވުރެ ގިނަ ބެޓް ކޮށްފައިވާ ކަމަށް ނޫސްތައް ބުނެ އެވެ.