ވެރިކަން ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މި މަހުގެ 14 ވަނަ ދުވަހު ވެރި ރަށް މާލޭގައި ބާއްވާ ޖަލްސާއަށް ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން ދާން މަޖުބޫރު ކުރުވަމުންދާ ކަން އެނގިއްޖެ އެވެ.
ބައެއް ރަށްރަށުގެ ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ "ހުރިހާ"އަށް އެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
"ޕީއެންސީ އެއްވުމަށް ދާން އެބަ މަޖުބޫރު ކުރޭ، ނުގޮސްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރުވެސް އެބަ ދައްކާ." ހުރިހާ އަށް މައުލޫމާތު ދިން ސަރުކާރުގެ މުވައްޒަފުކު ކިޔައިދިނެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ސްޓެލްކޯ، އެމްޕީއެލް، ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގައި މައްސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އިތުރުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މުވައްޒަފުންނަށް ވެސް ނޮވެމްބަރު 14، ގައި ބާއްވާ އެއްވުމަށް ދާން ވަނީ އަންގާފަ އެވެ. އެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބައެއް މުވބައްޒަފުން ވެސް ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން އަންގާފައި ވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ކޮންމެ ޑިޕާޓްމަންޓަކުން ވަކި އަދަދަކަށް މުވައްޒަފުން ނެރުމަށެވެ.
ކުންފުނިތަކުގެ މުވައްޒަފުން މައުލޫމާތު ދިން ގޮތުގައި ޕީއެންސީގެ އެއްވުމަށް މުވައްޒަފުން ނެރެން މަސައްކަތް ކުރަމުން ގެންދަނީ ސީދާ ކުންފުނިތަކުގައި އިސްކޮށް ތިބޭ ވެރިންކަމަށެވެ.
ޕީއެންސީގެ އެއްވުމަށް ދާނެ މީހުން ހޯދަން މިނިސްޓަރުންނަށް ވެސް ޕާޓީ އިން އަންގަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ. އެގޮތުން އެއްވުމަށް ދާނެ 100 މީހުން ކޮންމެ މިނިސްޓަރަކު ވެސް ހަމަޖެއްސުމަށް ޕީއެންސީ އިން ވަނީ އަންގައިފަ އެވެ. މިކަމުގައި އެންމެ އިސްކޮށް އުޅެނީ ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލެވެ.
އޭގެ އިތުރުން، ޕީއެންސީގެ އެއްވުމަށް ރަށްރަށުން މީހުން މާލެ ގެނައުމުގެ ބޮޑު އޮޕަރޭޝަނެއް ވެސް އެ ޕާޓީ އިން ވަނީ ފަށައިފަ އެވެ. އެގޮތުން، މާލެ ދަތުރު ކުރުމުގެ ހަރަދާއި ދަތުރު ކުރާ ކޮންމެ މީހަކަށް މާލީ އިނާޔަތެއް ކަނޑައަޅާފައިވާ ކަމަށް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ޖަލްސާއަށް މާލެ އަންނަ ކޮންމެ މީހަކަށް ދެކޮޅު ޓިކެޓާއި 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
ޕީއެންސީ އިން ނޮވެމްބަރު 14، ގައި ބޮޑު އެއްވުމެއް ބާއްވަން މި މަސައްކަތް ކުރަނީ، ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ނޮވެމްބަރު 17، ގައި ބޮޑު އެއްވުމެއް ބާއްވަން އިދިކޮޅު އެމްޑީޕީން ރާވާފައި ވަނިކޮށެވެ.
ހަށިގަނޑު ރީތިކުރަން ބޭސްކުރި ކަމަށް އިމްރާން އެއްބަސްވި!
އަންހެންކަނބަލުންނަށް މަގުމަތީގައި އެއްވެސް އަމާންކަމެއް ނެތް