ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާހެން ސިޔާސީ ބޭފުޅުން ގުޅައި މެސެޖުކުރައްވަމުން ގެންދަވާތީ އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސެލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވަނީ އެފްއެސްއެމްގެ ވަޒީފާތަކަށް އެހާ ބޮޑު ޑިމާންޑެއް އޮންނަނީ ކީއްވެތޯ ސުވާލުއުފައްދަވައިފަ އެވެ.
ވަކިން ހާއްސަކޮށް އެ ކުންފުނިން 30،000 ރުފިޔާއާ ހަމައަށް މުސާރަ ލިބޭ ވަޒީފާއަކުން ވެސް ކުއްލިއަކަށް ބޮޑު މުއްސަނދިކަމެއް ހޯދާފައި އެބަހުރިކަމަށާއި، އެފަދަ ވަޒީފާތައް ހޯދުމަށް މެންބަރުންނަށް ގުޅާ މީހުންގެ އަދަދު އިތުރުކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެކަމާ ގުޅިގެން އާޝާން ވިދާޅުވީ އެފްއެސްއެމްގެ އެ ހާލަތު ރަނގަޅުކުރެވެން އޮތް ގޮތަކީ މެންބަރުން އޭނާއަށާއި، އެ ކުންފުނީގެ ސީއޯއޯ މުހައްމަދު މުރާދަށް ގުޅުއްވައި އަދި ކުރައްވާ މެސެޖު ރިކުއެސްޓުތައް ހުއްޓާލުން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ދެމީހުންނަށް މިއަންނަ ރިކުއެސްޓުތައް ހުއްޓުނު ދުވަހަކުންހެން މިކަން ކުރެވޭނީ. އެކަން ކުރެވޭނީ މި މޭޒު ވަށައިގެން ތިބި އެންމެންނަށް،" ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންނަށް އިޝާރާތްކުރައްވައި އާޝާން ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ ކުންފުނީގެ ކަންކަން ރަނގަޅުކުރަމުންދާ ކަމަށާއި، މީހަކު ކަނޑާލަން ބޭނުންވާ ހިނދެއްގައި ކަނޑާލެވޭ ގޮތަށް ކަންކަން ކުރެވޭނީ މެންބަރުން ވެސް އެއްބާރުލުން ދެއްވައިގެން ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ މުވައްޒަފުންގެ ކަންކަން ބަލައި މުވައްޒަފަކު ކަނޑާލަން ޖެހޭ ހާލަތެއްގައި މުވައްޒަފުން ކަނޑާ ކޮންމެ ފަހަރަކު ސިޔާސީ ފަރާތްތަކުން ގުޅުއްވާ މެސެޖުކޮށް ހަދާތީ ވަރަށް އުނދަގޫ ވާކަމަށެވެ. އެހެންކަމުން އެއްވެސް ސިޔާސީ ފަރާތަކުން ގުޅާ މެސެޖުކޮށް ނުހެދުމަށް އާޝާން ވަނީ އެދިފަ އެވެ.
"އެހެންވީމަ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ނުގުޅުއްވާށޭ! އަޅުގަނޑުމެން ވަޒީފާއިން މީހަކު ވަކި ކުރަން ބޭނުންވާ ހިނދަކު، ނޫނީ ޕޮލިހަށް އެ މައްސަލަ ހުށަހަޅަން ބޭނުންވާ ދުވަހަކު އެއްވެސް ބޭފުޅަކު އަޅުގަނޑުމެން ދެމީހުންނަށް މެސެޖެއް ވެސް ނުކޮށްލިއްޔާ އަޅުގަނޑުމެންނަށް ރަނގަޅީ،" އާޝާން ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ ކުންފުނި ހިންގަން ތިބި ދެ ބޭފުޅުންނަކީ އެއީ ކަމަށާއި ކުންފުނި ހިންގަންވީ ގޮތް އެނެގޭނީ ކުންފުނި ހިންގަން ތިބި ދެބޭފުޅުންނަށް ކަމަށެވެ. އަދި ސިޔާސީ އެއްވެސް ބޭފުޅަކު އެ ބޭފުޅުންނަށް ގުޅާ މެސެޖުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނޭ ކަމަށް އާޝާން ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ދެމީހުންނަނީ ކުންފުނި ހިންގަން ތިބޭ ދެމީހުން. ސިޔާސީ އެއްވެސް މީހަކު އަޅުގަނޑުމެންނަށް ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ!" އާޝާން އިތުރަށް ވިދާޅުވި އެވެ.
އާޝާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން މީގެ ކުރިން ފޯނު ކޯލެއް އައުމުން މުވައްޒަފު ބަދަލުކުރާ ގޮތަށް އޮތް އުސޫލު ވެސް ވާނީ ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުވައްޒަފުން ގިނަވެފައިވާ އުޅަނދުތަކުން މުވައްޒަފުން މަދުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންކަން ވެސް މޮނިޓާކޮށް ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ވެސް މެއެވެ.
އެފްއެސްއެމްއަކީ މީގެ ކުރިން ވަގަށް ތެޔޮ ވިއްކުމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އެގޮތުން އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑާކުރި މައްސަލައެއް މިދިޔަ އަހަރު ވެސް ފެންމަތިވިއެވެ. އެ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިންނާއި ގިނަ މުވައްޒަފުންތަކެއް އޭރުވެސް ވަކިކުރި އެވެ.
ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެ ބާޖުތަކުގައި ކެމެރާހަރުކުރަނީ
ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދީފި
ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމެއް ހުޅުވައިފި