އެމެރިކާގެ ބާރުގަދަ ނުފޫޒުތަކާ ދެކޮޅަށް ކެމްޕޭންކޮށް ޒުވާން މުސްލިމް ކެންޑިޑޭޓް ޒޮހްރާން މަމްދާނީ ނިއުޔޯކްގެ މޭޔަރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.

މިއީ އެމެރިކާގެ އެންމެ ބޮޑު ސިޓީގެ ތާރީހުގައި ވެސް މޭޔަރަކަށް މުސްލިމަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނިއުޔޯކްގެ އެސެމްބްލީ ތަމްސީލްކުރާ އުމުރުން 34 އަހަރުގެ މަމްދާނީއާ އެންމެ ގާތުން ވާދަކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތާށިވެ، ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އެންޑްރޯ ކުއޯމޯ އެވެ. ކޫމޯ މި އިންތިހާބުގައި ވާދަކުރީ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ނުލިބުމުން އަމިއްލަ ގޮތުންނެވެ.

މި އިންތިޚާބުގައި ވޯޓުލާން އާދަޔާ ޚިލާފު ގިނަ އަދަދަކަށް މީހުން ނުކުމެފައިވެ އެވެ.

އެ ސިޓީގެ އޮފިޝަލުން ބުނާ ގޮތުގައި މިފަހަރުގެ އާލީ ވޯޓިންގައި ވެސް 1.7 މިލިއަން މީހުން ވޯޓުލާން ނުކުމެފައިވެ އެވެ. މިއީ ކުރިއާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.

މިފަހަރުގެ އިންތިހާބަކީ މިދިޔަ 30 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ވޯޓުލި ފަހަރު ކަމަށްވެ އެވެ.