މީގެ ކުރިން ނޮވެމްބަރު ތިނެއް ނުވަތަ ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ "އާދައިގެ ގޮތަކަށް" ކަމަށާއި، ނަމަވެސް ރައީސް މުހައްމަދު މުއިއްޒު އެކަން ބަދަލުކޮށްލައްވަައިފި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން އައްޔަން ކުރި ފުރަތަމަ ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ އަސްކަރީ ހުށަހެޅުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ކުރިން ނޮވެމްބަރު ތިނެއް ފާހަގަކުރަމުން އައީ އާދައިގެ ގޮތަކަށް ކަމަށާއި، ނަމަވެސް އެކަން ރައީސް މުއިއްޒު ބަދަލުކޮށްލައްވަައި، އެންމެ ކުލަގަދަކޮށް ފާހަގަ ކުރެވޭ އެއް ދުވަހެއްގެ ގޮތުގައި ހައްދަވާފައިވާ ކަމަށެވެ. އެ ކަމަށްޓަކައި ރައީސަށް، ސިފައިންގެ ނަމުގައި ހިލްމީ ޝުކުރު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވީ ފަހުގެ ތާރީހެއްއްގައި އެންމެ ނުރައްކާތެރި އުދުވާނެއް ހިނގީ ނޮވެންބަރު ތިން ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު އެތައް ދަރިންނެއް ޔަތީމުވެ، އެތައް އަނބިންނެއް ހުވަފަތްވި ކަމަށް ހިލްމީ ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988ގެ އެންމެ މުހިންމު އެއް ފިލާވަޅަކީ މި ގައުމު ދިފާއު ކުރުމަށްޓަކައި، އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ ބޭނުންތެރިކަން ކަމަށް ހިލްމީ ވިދާޅުވި އެވެ. އަދި ދިމާ ވެދާނެ ނުރައްކާތެރިކަމަށް ބަލައި، އެ ނުރައްކާތަކަށް ކުރިމަތިލެވޭނެ އަސްކަރިއްޔާއެއް އަބަދުވެސް ތަރައްގީކޮށްފައި އޮތުމުގެ ބޭނުންތެރިކަން އޭނާގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި އިތުރުކޮށްދެއްވުމަށް ރައީސް މުއިއްޒު، ކުރައްވަވާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް ތައުރީފު ކުރައްވައި ހިލްމީ ވަނީ ވާހަކަ ދައްކަވާފަ އެވެ.
ރައީސް، މާޒީގައި ދިވެހިން ސިފައިންވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރައްވާތީ ސިފައިންނާއި ސިފައިންގެ އާއިލާތަކާއި އެންމެހާ ދިވެހިންގެ ނަމުގައި އޭނާ ރައީސަށް ޝުކުރު ދެންނެވި އެވެ.
ހިލްމީ ވިދާޅުވީ މިއަދު މިނިވަން ޖައްވަކަށް އެންމެންވެސް ނޭވާލަމުން މިދަނީ، މި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި، ތިނެއް ނޮވެންބަރުގަ އާއި ފާއިތުވި ތާރީޚުގައި ވެސް ދިވެހި ސިފައިން، އަދި ދިވެހި ކާބަފައިންވި މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށެވެ.
ތިނެއް ނޮވެމްބަރުގައި ދިން ހަމަލާއަކީ، ދިވެހީންގެ ތެރެއިން ގައުމަށް ޣައްދާރުވި ބަޔަކު އިސްވެ ތިބެ ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން މާލެއަށް ހަތިޔާރާއެކު އަރައިގަނެ ދިން ހަމަލާއެކެވެ. އެ ހަމަލާގައި އަށް ސިފައިން ހިމެނޭ ގޮތަށް 19 މީހަކު ޝަހީދުކޮށްލި އެވެ.
			މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި