އެލިޒަބަތު ބޯޔާ ރަސްގެފަންނާ ދިމާއަށް ކައިރިކުރުމުން ރަށުގެ ގިނަ ބަޔަކު ހީކުރީ އެއީ އައްޑޫން ކާޑު ހިފައިގެން އައި ބޯޓެއް ކަމަށެވެ. އުފަލުން ގިނަ ބަޔަކު ރަސްގެފަންނާ ދިމާލު އަތިރި މައްޗަށް ނުކުތެވެ. އަދި އެ ވަގުތު މަހުން ލެފި ދެ ދޯންޏެއް ވެސް ބޯޓާ ގާތްކުރި އެވެ.

ނަމަވެސް ކަންދިމާވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ؛ އެއީ މިހާތަނަށް ވެސް ފުވައްމަލަކަށް ދިމާވި އެންމެ ނުރައްކާތެރި އުދުވާނީ ހަމަލަ އެވެ. އެ ބޯޓަކީ ފުވައްމުލަކު މީހުން އިންތިޒާރުކުރަމުންދިޔަ މޫސާޖީ ބޯޓެއް ނޫނެވެ. އެއީ ސުވާދީބު ދައުލަތާ ފުވައްމުލަކު މީހުން ބައިއަތު ހިފުމުން އެ ރަށުގެ ބައެއް މީހުން ހައްޔަރުކުރަން މާލެއިން ދިޔަ އެލިޒަބަތު ބޯޔާ އެވެ.

އެ ހާދިސާ ހިނގީ ފެބްރުއަރީ 25، 1962 އެވެ. އެ އަހަރު ރޯދަމަހުގެ 20 ވަނަ ދުވަހެވެ.

ފުވައްމުލަކަށް ނިސްބަތްވާ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދިން އެ ހަމަލާއަކީ އެ ދުވަސްވަރު ދެކުނުގެ ތިން އަތޮޅުގައި ޔުނައިޓަޑް ސުވާދީބުގެ ނަމުގައި ވަކި ސަރުކާރެއް އުފެއްދުމާ ގުޅިގެން ހިނގި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އެވެ.

މާލެއިން ދިޔަ ސިފައިންގެ ފައުޖުގެ ކޮމާންޑަރަކަށް ހުންނެވީ ދައްޕަރު މޫސާމަނިކެވެ. ފައުޖު ދަތުރުކުރީ އެލިޒަބަތު ބޯޔާގަ އެވެ. އެ ބޯޓު ރަސްގެފަންނާ ދިމާއަށް ބަނދަރުކުރި ދުވަހަކީ ކަނޑު މަޑު, ބާނި ތިރި ދުވަހެކެވެ. ރަސްގެފަންނަނީ އޭރު އެ ރަށު މީހުން އާއްމުކޮށް ލަފާ ފުރުމުމަށް ބޭނުންކުރި އެއް ތަނެވެ.

ފުވައްމުލަކު ރަސްގެފަންނު އަތިރިމަތި. ބަޑިޖަހަން ޑިންގީއެއްގައި ރަށަށް ފައިބަން އުޅުނީ މިތަނަށް. ފޮޓޯ: ޔޫހު

އެލިޒަބަތު ބޯޔާ ކައިރިވެ، ދިވެހި ދިދަ ފެނުމުން އެއީ އައްޑޫއިން އައި ބޯޓެއް ނޫންކަން ބައެއް މީހުންނަށް އެނގުނެވެ. ނަމަވެސް ދޯނީގެ މީހުން ސިފައިންގެ އަމުރަށް ކިޔަމަންވެ، ދެ ކެޔޮޅުން ބޯޓަށް އަރައި ފަޅުވެރިން އެއްގަމަށް ދިޔައީ އެވެ. އަދި އަތިރިމަތީގަ ތިބި މީހުންނަށް އެއީ ސިފައިންގެ ބޯޓެއްކަން އެންގި އެވެ.

މި ޚަބަރު ލިބުމުން ބަޔަކު ސިފައިންނަށް ހުރަސް އަޅަން ގޮނޑުދޮށަށް ފޭބި އެވެ. އޭރު ސިފައިންގެ ޓީމު ދިޔައީ ރަށަށް އަރަން ތައްޔާރުވަމުންނެވެ. ރަށު މީހުންނަށް ނާންގައި މޫސާ މަނިކުގެ ޓީމު ބޯޓުން ޑިންގީއެއްގައި ފައިބާން އުޅުމުން އެމީހުނާ ދިމާލަށް ގޮނޑުދޮށުގައި ތިބި މީހުން ގާ އުކާން ފެށި އެވެ. އެމީހުން ފައްސާލަން ސިފައިން އެ މީހުންގެ ބޯމަތިން ރަށުތެރެއަށް ބަޑިޖެހި އެވެ. ދެން ވެސް ގާ އުކުން މަދުނުވީމާ, ބަލި ގަބޫލުކޮށް އަނބުރާ ބޯޓަށް ގޮސް ސިފައިން ފުރައިގެން ދިޔައީ އެވެ.

އެއްގަމަށް ޖެހި ވަޒަން އަރައިގެން އެކަކު މަރުވެ އިތުރު ހަތަރު މީހުން ޒަޚަމްވި އެވެ. އެ ހާދިސާގައި މަރުވީ ދޭލިގޭ ތުއްތު މަނިކެވެ. މީގެ އިތުރުން ހުކުރުމިސްކިތަށާއި ބައެއް ދޯންޏަށް ގެއްލުންވި އެވެ. ޒަޚަމްވި މީހުންނަށް ސްރީލަންކާގެ ނެގަމްބޯގައި ފަރުވާދީފައިވެ އެވެ. ނަމަވެސް އެ ހާދިސާގައި ޒަޚަމްވި މީހުން ދުނިޔެ ދޫކޮށްދިޔައިރު ވެސް އެ ހާދިސާގެ ލަކުނުތައް އެ މީހުންގެ ގައިން ފިލައިގެން ނުދެ އެވެ.

މި ނާކާމިޔާބީއަށް ފަހު މާލެއިން އިތުރު ބަޔަކު އެރަށަށް ނުފޮނުވަ އެވެ. މި ހަމަލާދިނުމާ ގުޅިގެން އެ ހާދިސާ ތަހުގީގުކުރަން ރައީސް ނާސިރު އެންގެވި ކަމަށްވެ އެވެ. އެއީ ރައީސްގެ ރުހުން ނެތި ފުވައްމުލަކު ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމުން އެކަމާ ކޯފާވެގެން ކަމަށް ބުނެ އެވެ.

އެ ދުވަހުގެ ހާދިސާގެ ހަނދާންތައް އަދިވެސް އެ ރަށު މީހުން ނުނެތެ އެވެ. އެ ހާދިސާ ހިނގިއިރު އެތަނުގައި ހުރި މީހަކު ބުނީ އެއީ ހަޔާތުގައި ވެސް ދުށް އެންމެ ބިރުވެރި ދުވަސް ކަމަށެވެ.

"އެ މީހުން ބަޑިޖަހަން ފެށުމުން އެއްބަޔަކު ދުއްވައިގަތީ ހުކުރު މިސްކިތާ ދިމާލަށް. އެކަމަކު ހިތްވަރު ގަދަ ބަޔަކު ދިޔައީ އޭރު ވެސް ހުއްޓުމެއް ނެތި ޑިންގީއާ ދިމާލަށް ގާ އުކަމުން. އެހެންވެ އެ މީހުންނަށް ރަށަށް ނޭރުނީ،" އެ މީހާ ބުންޏެވެ.

އެ ހާދިސާއަށް ފަހު އިތުރު ހަމަލައެއް ކުރިމަތިވިޔަސް ރައްކާތެރިވެވޭނެ ގޮތަށް އަތިރިމަތީގައި "ފަސްބާޑި" ކިޔާ ތަނެއް ހެދި އެވެ. ރަސްގެފަންނާއި އަނބުލު ފަންނާ ދިމާލު އަތިރިމަތީގައި ގާތްގަނޑަކަށް ފަސް ފޫޓު އުސްމިނުގައި ދެ ފޫޓު ފުޅާ ބޯމިނުގައި ރާނާއިގެން އެތަން ހެދި އެވެ. މިތަންތަން ބަލަން ރަށުގެ ގިނަ ބަޔަކު އޭރު ކޮންމެ ދުވަހަކު ޖަމާވި ކަމަށް ބުނެ އެވެ.

ފުވައްމުލައް ދައުލަތުގެ ބާރުގެ ދަށަށް ގެންދިޔައީ ސުވާދީބު ސަރުކާރު އުވި، އެ ދައުލަތުގެ ރައީސް އަބްދުﷲ އަފީފު ސެޕްޓެމްބަރު23، 1963 ގައި ސޭޝަލްސްއަށް ވަޑައިގަތުމުންނެވެ.

އެޑިޓަރުގެ ނޯޓް: މި ހާދިސާގެ ބައެއް މައުލޫމާތު ހޯދީ ޑޮކްޓަރު އަބްދުﷲ ވަހީދު ވޮނަދޮނަ ރާއްޖެ ފޭސްބުކް ގްރޫޕުގައި ލިޔެފައިވާ ލިޔުމަކުންނެވެ.