ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފި އެވެ.
ހުކުރު ދުވަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރށާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިން ވެވެން އޮތް އެހީތެރިކަމެއް ވެ ދޭނޭ ކަމަށެވެ.
ފީފާގެ ރައީސް އާއި ރައީސް މުއިއްޒު ގެ އެ ބައްދަލުވުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި އިންފަންޓީނޯ ވިދާޅުވެފައި ވަނީ ފާއިތުވި ދުވަސް ތަކުގައި ރާއްޖޭގެ ފުޓުބޯޅަ އަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ، މިހާރު ރާއްޖޭގެ ފުޓުބޯޅަ އަށް އަންނަމުންދާ ކުރިއެރުންތަކާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. ޚާއްސަކޮށް އެފްއޭއެމްގެ މިހާރުގެ ވެރިން ކުރަމުން އަންނަ މަސައްކަތަށް އިންފަންޓީނޯ ވަނީ ތައުރީފު ކުރައްވައިފަ އެވެ.
އިންފަންޓީނޯ ވިދާޅުވީ ފީފާ އިން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުން އަބަދު ވެސް ދެމުން އަންނާނެ ކަަމަށެވެ. އަދި ހަމަ އެހެންމެ، ރާއްޖޭގެ ޒުވާނުންގެ ފުޓުބޯޅައިގެ ހުނަރު ތަރައްޤީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރާއްޖެ އަށް ލިބިފައިވާ ޤުދުރަކީ ރީތި ކަމާ އެއްވަރަށް މުޅި ދުނިޔެ އަށް ފުޓުބޯޅައިގެ ކާމިޔާބީ އިން ވެސް ވިދާލާނެ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
މިއީ ފީފާގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންފަންޓީނޯ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވާރލްޑް ކަޕަށް ފަހު އިންފަންޓީނޯ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ރަސްމީ ދަތުރުފުޅެއްްގައި ހުކުރު ދުވަހު އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވިއިރު، ހުކުރު ދުވަހުގެ ހަވީރު ވަނީ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި އޮތް އެ ހަރަކާތުގައި އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި ފުޓުބޯޅަ މެޗެއް ވެސް ވަނީ ކުޅެފަ އެވެ.
މީގެ ކުރިން ފީފާގެ ރައީސަކު ރާއްޖެ އައިސްފައި ވަނީ 2006 ވަނަ އަހަރު އެވެ. އެއީ 2004 ގެ ސުނާމީ ހާދިސާގައި ގެއްލުން ލިބުނު ގައުމު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި، ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.
ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަދީގެން ނުވާނެ: ނަޝީދު
އައްޑޫ ބައިބައި ކުރާ ވޯޓު: ކިޔޫތައް ބަންދުކޮށް ވޯޓު ގުނަނީ
ދުނިޔޭގެ އެންމެ އުސް އިމާރާތްތަކަށް ނަޒަރެއް!