ތެދުވެރިކަމާއި އިހުލާސްތެރިކަމަކީ ކުރާ މަސައްކަތެއްގައި ދެމިހުރެވުމުގެ ތަޅުދަނޑިކަން އޭނާ ދައްކައިދީފި އެވެ. މީގެ 52 އަހަރު ކުރިން ގުޅުނު ވަޒީފާގައި، "ބިސްމި ކިޔާފައި" ހަވާލުވި މަގާމުގައި، ބައި ގަރުނު ހޭދަކޮށްލެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމުގެ ސިއްރަކީ އޭނާ ގެންގުޅޭ ހަރުދަނާ އުސޫލުތައް ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
އެއީ 1974 ވަނަ އަހަރެވެ. އުމުރުން އެންމެ 17 އަހަރުގައި، ބ. އޭދަފުއްޓަށް ނިސްބަތްވާ، އެރަށު އަތިރީގޭ، މުހައްމަދު ވަހީދު (ވަހީދު)، މާލޭގެ ފަސްގަނޑުގައި ފައި ޖައްސާލީ އޭދަފުށިން ކިޔެވުން ފުރިހަމަ ކުރުމަށްފަހު އިތުރަށް ކިޔެވުމުގެ ބޭނުމުގަ އެވެ. އެހެން ނަމަވެސް ތަގުދީރުގެ ނިޔާ ކަނޑައެޅިފައިވީ ވަހީދު ހިތަށް ވެސް އަރާފައިނުވާ ފަދަ ތަފާތު ގޮތަކަށެވެ.
ގޮތް ނޭނގޭ ދުވަހެއްގެ ބިރުވެރި ވަގުތު ދިމާވީ ހިތްހެޔޮ މީހެއް
މާލެ ދުށް، ބޮޑު ބުރާސްފަތީގެ ބިރުވެރިކަން އޭނާއަށް ކައިރިން ފެނުނެވެ. އެ ދުވަހު ސިފައިން ނުކުމެ މާލޭގެ އެކި ކަންކޮޅުގައި ހަރަކާތްތެރި ވަމުން ދިޔަ އެވެ. އޭރު ފުރާވަރު އުމުރުގެ ވަހީދު، ވާނުވާ ބެލުމަށް ކެތްމަދުވެފައި ހުރެ ބޭރަށް ނުކުތެވެ. އާންމުންގެ ތެރެއިން ބަޔަކު މީހުން ހައްޔަރު ކޮށްގެން ލޮރީތަކަށް އަރުވައިގެން ގެންދިޔައީ އޭނާގެ ލޯކުރިމަތީގަ އެވެ. އޭނާއަށް ޚަބަރު ލިބުނު ގޮތުގައި ހައްޔަރުކުރާ އެންމެން ދެން ހުކުމްކޮށް އަރުވާލެވޭނީ އެކި ރަށްރަށަށެވެ. އެ ބިރުވެރި މަންޒަރު ބަލަން ހުއްޓައި އޭނާގެ ކުރިމައްޗަށް ސިފައިންގެ ބޭކަލެއް ހުއްޓިޖެ އެވެ.
"އެ ދުވަހު ރަށު ތެރެ ބަލަހައްޓަން އުޅުއްވި ސިފައިންގެ އޮފިސަރަކާ އަޅުގަނޑާ ދިމާވި. އެބޭކަލަކީ ފަހުން އެނގުނު ގޮތުގައި އިސްމާއީލް އިބްރާހީމް. ސޮނީ ވިޔަފާރީގެ ފައުންޑަރު. ވަރަށް ހިތްހެޔޮ ބޭފުޅެއް. އެބޭފުޅާ އަޅުގަނޑާ ދިމާވެ ދެކެވުނު ވާހަކައަކަށް ފަހު ގެންދެވީ ޖަނަވަރީމަގުގައި ހުންނަ އެނބޫގަސްދޮށުގެ ކިޔާ ގެއެއްގެ، އެއްކަނުގައި އިންނަ ފިހާރައަކަށް. އޭރު އެ ފިހާރަ ހުޅުވުނު ފަހުން ހަތަރު ވަރަކަށް އަހަރު ވާނީ. ފިހާރައިގެ ބޮޑުމިން ބުނާނަމަ، ގާތްގަނޑަކަށް 12 ފޫޓުގެ ފިހާރައެއް އެއީ،" ސޮނީއާ ގުޅުނު ސަބަބު ކިޔައިދެމުން ވަހީދު ބުންޏެވެ.
ތަޖުރިބާއެއް ނެތި ވަރަށް ޅައުމުރުގައި ވިޔަފާރިއަށް
އެ ދުވަސްވަރަކީ މާލޭގައި ނިސްބަތުން ފިހާރަ މަދު ދުވަސްވަރެކެވެ. އެނާ އެދުވަހު ވަޒީފާއާ ހަވާލުވީ މަސައްކަތުގެ އެއްވެސް ތަޖުރިބާއެއް ތަމްރީނެއް ނެތި އެވެ. ފުރަތަމަ މަސައްކަތްކުރީ އެންމެ ހަތަރު މުވައްޒަފުންނާ އެކު އެވެ. ފުރަތަމަ މުސާރައަކީ 100 ރުފިޔާ އެވެ. ވަހީދު ދެކޭ ގޮތުގައި އެ ދުވަސްވަރުގެ ހާލަތާ އަޅާބަލާއިރު އެ އުޖޫރަ ކުޑައެއް ނޫނެވެ.
އޭނާ އާ ހަމަ އެދުވަހު ހަވާލު ކުރެވުނީ މުދާ ހޯދައި، މުދާ ގަތުމުގެ މަސައްކަތެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެހުރީ، ސޮނީހާޑްވެއާގެ މުދަލާ ބެހޭ ހުރިހާ ކަމަކާ ހަވާލުވެ އެވެ. އެ ވިޔަފާރީގައި ވަފާތެރި އިތުބާރު ކުރެވޭ ޚާދިމެއްގެ ގޮތުގަ އެވެ. އަދާކުރަނީ ސޮނީ ހާޑްވެއާގެ ސޭލްސް މެނޭޖާގެ މަގާމެވެ.
"އަޅުގަނޑު ފުރަތަމަ މަސައްކަތް ކުރަން ފެށިއިރު އެތަނުގައި ވިއްކަނީ މުޅިން ވެސް ދިވެހި އުފެއްދުން. ދަރާއި، ވަޅޯމަހާއި، ރިހާކުރާއި، އަދި ދިޔާހަކުރު ކަހަލަ އެއްޗެހި،" އޭނާ ބުންޏެވެ.
އެ ދުވަސްވަރު އެ ވިޔަފާރި ބޮޑަށް އަމާޒުކުރެވިފައި އޮތީ މާލެ އަށެވެ. އަދި 1995 އާ ޖެހެން ދެން އެ ފިހާރަ ހިންގީ ބާޒާރުމަތިން މުދާ ގަނެގެންނެވެ. އެ ވިޔަފާރިން ނަފާވާ މިންވަރަށް ބަލަމުން ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ޖައްސަމުން ދިޔަ އެވެ. މާގިނަ ދުވަހެއް ނުވެ ދިވެހި އުފެއްދުން ވިއްކުން ހުއްޓާލާފައި އިމްޕޯޓް މުދާ ވިއްކަން ފެށުނެވެ.
"އިމްޕޯޓް މުދާ ގެތެރޭގައި ސްކޫލް ކުދިންނަށް ބޭނުންވާނެ އެއްޗެއްސާއި، ހާޑްވެއާގެ އެއްޗެއްސާއި، އެގޮތަށް އިތުރު ކުރަމުން ދިޔައީ. އެބައި ވެސް ރަނގަޅަށް ހިނގަން ފެށުމުން ދެން ރާއްޖޭން ބޭރުން މުދާ އެތެރެކުރަން ފެށިން. ފަހުން ޖާގަ ބޮޑުކުރަން ޖެހުމުން ފިހާރަ އިތުރު ކުރަން ޖެހުނީ،" ވަހީދު ބުންޏެވެ.
ވަހީދު މީގެ 50 އަހަރު ކުރިން މަސައްކަތް ކުރަން ފެށި ކުޑަ ކަންމަތީ ފިހާއަކީ މިއަދު މުވައްޒިފުން ގިނަ، ޖާގަ ބޮޑު، ތިން ބުރީގެ އިމާރާތެކެވެ. އެ ފިހާރައިގައި އިމްޕޯޓް މުދާ ވިއްކަން ފެށުމަށް ފަހު ބަޒާރުމަތީ އިތުރު ފިހާރައެއް ހުޅުވިގެން ދިޔަ އެވެ. ވަހީދު 2004 އިން ފެށިގެން މަސައްކަތް ކުރަމުން އެ ގެންދަނީ ބާޒާރުމަތީ ހުންނަ ސޮނީ ހާޑްވެއާގެ އޮފީސް ބައިގަ އެވެ.
މަސައްކަތުގައި ދެމިހުރެވުމުގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް
އޮފީހުގައި ބުރަކޮށް އުޅުނު ނަމަވެސް ހުސް ވަގުތު ކަސްރަތު ކުރުމަށް އޭނާ މުހިންމުކަން ދެ އެވެ. އެކަން ފެށުނީ ސޮނީ ހާޑްވެއާގެ މުވައްޒަފުންގެ ފިޓްނަސް ރަނަގަޅު ކުރުމަށް އެ ތަނުގެ ވެރިފަރާތުން ފެއްޓެވި ޕްރޮގްރާމަކަށް ފަހު އެވެ. އެ ޕްރޮގްރާމްގެ ދަށުން ރަށްށަށް ކޭމްޕް ގެންގޮސް މުވައްޒިފުންނަށް އެކި ކަހަލަ ޓްރޭނިންތައް ދެވުނެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް ދުވުމާ ބެހޭ މާހިރުންނާ ދިމާވެ ވަހީދަށް ދުވުމާއި ވަރަށް ގަޔާވެވުނެވެ.
"އަޅުގަނޑު ދުވަން ފެށުނީ އުމުރުން 50 އަހަރު ފުރުމަށް ފަހު. ފުރަތަމަ އަޅުގަނޑު ދުވީ ރަނާސް މޯލްޑިވްސްގައި ބައިވެރިވެގެން. ދެން މޭޑް ރަނާސް އުފައްދައިގެން އެ މީހުންނާ އެކީ ދުވީ. މިހާރު ދުވަނީ އެއްވެސް ބަޔަކާ ނުގުޅި މުޅިން އެކަނި. ދުވުމުގެ އިވެންޓުތަކުގައި ވަރަށް ގިނަ ގައުމުތަކަށް ދެވިއްޖެ. އޭގެ ތެރޭގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ޓާކީ، ޖަރުމަން ހިމެނޭ. އަޅުގަނޑު 42 ކިލޯމީޓަރު ދުވަން. ވަރަށް ރަނގަޅަށް އިވެންޓް ފަށާ ނިންމާލަން. އަޅުގަނޑަކީ ކޮންމެ ދުވަހަކު ފަތިހު ދުވާ މީހެއް. އިވެންޓެއް އޮވެއްޖެއްޔާ ދަންވަރު ވެސް ދުވަން،" ވަހީދު ބުންޏެވެ.
ދުވުމުގެ އިތުރުން ހުސްވަގުތު ގަސް އިންދުމަކީ ވެސް އޭނާގެ ހޮބީއެކެވެ. އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ބެލްކަނީގައި ހައްދާފައިވާ ހިތްގައިމު މިރުސް ގަސްތައް އެކަމަށް ހެކި ދެ އެވެ.
ވަޒީފާއާ ހަވާލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ވަހީދު ޚާއްސަވާ ކަމެއް އޮވެ އެވެ. އެއީ ގަޑި ނުޖެހުމެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު 6 ޖަހާއިރު ގަޑިއަށް ފިހާރަ ހުޅުވަ އެވެ. އަދި ރޭގަނޑު 11 ޖަހާއިރު ބަންދު ކުރުމަކީ އޭނާ ވަރަށް ފަރުވާތެރި ވެގެން ކުރާ ކަމަކެވެ. އޭގެ އިތުރުން ފައިސާގައި ނުޖެހުމާއި، ޚިޔާނަތްތެރި ނުވުމާއި، މަސައްކަތަށް ސަލާމް ނުބުނުމަކީ އޭނާގެ އަޒުމެކެވެ.
ތެދެކެވެ. މަސައްކަތެއްގައި ދެމިހުރުމަށް ހުނަރާއި އިލްމުގެ އިތުރުން ތެދުވެރި ކަމާއި ވަފާތެރިކަން ފަދަ، ހަރުދަނާ އުސޫލުތަކެއްގެ މަތީ ސާބިތުވެ ހުރުމަކީ މުހިންމު ކަމެކެވެ. މިއަދުގެ ޒުވާނުންނަށް އޭނާއަކީ ރަނގަޅު ރޯލް މޮޑެލެކެވެ. އޭނާގެ ވާހަކައިގައި އެވަނީ އިބުރަތެކެވެ.
 
								
								 
 
 
 
 
 
 
 
 
					 
					 
					 
					 
					 
					 
					 
					 
					 
					