ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ހަމަޖެހިއްޖެ އެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ވެވުނު މި ޕާޓްނާޝިޕްގެ ދަށުން، 24 އޮކްޓޯބަރު 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާރުތުގައި މެޑިކަލް ޚިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭނެ އެވެ.
ޖުމްލަ 4,800 އަށްވުރެ ގިނަ ބައިވެރިން ވާދަކުރުމަށް ލަފާކުރެވޭ މި ރޭހުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ރޭސްތައް ހިމެނެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މުބާރާތުގެ ދުވުން ހަމަޖެހިފައިވަ މަގުތަކުގައި މެޑިކަލް ޓީމުގެ ޓެންޓުތަކާއި، އެމްބިއުލަންސްގެ ޚިދުމަތާއެކު ފުރިހަމަ މެޑިކަލް ކަވަރޭޖް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭހުގެ ކުރިން 21-22 އޮކްޓޯބަރުގައި ބޭއްވޭ ބިބް އެކްސްޕޯގައި ބައިވެރިންނަށް ހިލޭ ސިއްހީ ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.
ދިވެހިރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށާއި މުޖުތަމަޢުގެ އެކުވެރިކަން އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. ޓްރީޓޮޕް ހޮސްޕިޓަލާއެކު ވެވުނު މި ޕާޓްނާޝިޕްއަކީ ބައިވެރިންގެ ރައްކާތެރިކަމަށް ދެވޭ އިސްކަމުގެ ހެއްކެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.