ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލް ކުރަން އުފައްދާފައިވާ ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުން ހޮވުމަށް، އެ މަގާމަށް ކުރިމަތިލި މީހުންގެ އިންޓަވިއުގައި، މީޑިއާތަކާ ދޭތެރޭ ފިޔަވަޅު އަޅަން ކެރޭނެތޯ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ސުވާލުކުރައްވައިފި އެވެ.
އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއެކު މިއަދު ބޭއްވި އިންޓަވިއުގައި މީޑިއާއަށް ފިޔަވަޅު އަޅަން ކެރޭނެތޯ ސުޖާއު އެއްސެވީ، ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތުއާ އެވެ.
ސުވާލު ކުރައްވަމުން ސުޖާއު އެއްސެވީ، މީޑިއާއަކުން ގެނެސްދޭ ހަބަރަކާއި ނުވަތަ ކޮންޓެންޓަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި އެކަން ތަންފީޒުކުރަން ކެރޭނީ ކިހާވަރަކަށްތޯ އެވެ.
ޖަވާބުގައި ފަރުސަތު ވިދާޅުވީ، ދަންނަ މީހެއް ނަމަވެސް، އަމިއްލަ އާއިލާގެ މެންބަރެއް ނަމަވެސް އާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހުމުން އެކަން ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނެއް ވުޖޫދުކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ނޫސްތަކުގައި ގެނެސްދިނުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.