ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 3 ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށެވެ. އަދި މޫސުން ގޯސްވެ ވައިގަދަވީ ނަމަވެސް، އެހާ ބޮޑަށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި މިގޮތަށް އަންގާރަ ދުވާހާއި ހަމައަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަަމަށެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެ އެވެ.