ޑްރައިވަރަކާނުލާ ދުއްވާ އޮޓޮމެޓިކް ޓެކްސީ ކާރުތައް އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ މަގުތަކަށް އަންނަން ވަގުތު ކުޑަތަން ވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ރޮބޮޓް ކާރުތައް ބާޒާރަށް ނެރެވޭ ވަރު ވާއިރު އޭގެ ސަބަބުން އެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް އަންނާނެ އެވެ.

މި ބަދަލާއެކު ލަންޑަންގެ މަގުތަކުގައި ދުއްވާ ގިނަ ޓެކްސީތައް އޮޓޮމެޓިކް ކާރުތަކަށް ބަދަލު ވެގެންދާނެ ކަމަށް ބެލެވޭއިރު އެ ސިޓީއަކީ ޔޫރަޕްގައި މި ހިދުމަތް ތައާރަފްކުރާ އެންމެ ފުރަތަމަ ސިޓީ އެވެ.

ލަަންޑަނުގެ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނެފައިވަނީ މި ބަދަލަކީ އެ ފަރާތްތަކުގެ ހިދުމަތަށް އެއްވެސް ބުރުލެއް އަންނާނެ ކަމެއް ނޫން ކަމަށާއި ކުރިއެކޭ އެއްގޮތަށް ޑްރައިވަރުންގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އޮޓޮމެޓިކް ކާރުތަކަކީ މި ފަހަކަށް އައިސް ތައާރަފްވި ޓެކްނޮލޮޖީއެއް ނަމަވެސް ބައެއް މީހުން އަދިވެސް ދަތުރު ކުރަން ބޭނުންވަނީ ޑްރައިވަރ އޮޕަރޭޓަޑް ކާރުތަކުގަ އެވެ.

އޮޓޮމެޓިކް ކާރުތަކަށް ލަންޑަނުގައި ހުއްދަ ލިބިފައިވާއިރު އޫބާ ފަދަ ޓެކްސީގެ ހިދުމަތް ދޭ ކުންފުނިތަކުން އަންނަނީ އެ ހިދުމަތް ދޭން ފަށަން ތައްޔާރު ވަމުންނެވެ.