މައިކްރޯސޮފްޓް ކޯޕައިލެޓްގައި ތާނައިން ކޮބާ ކިހިނެއް ހޭ ލިޔެލައިފީމެވެ. ބުންޏެވެ. ތިޔައީ ދިވެހި ބަހެކެވެ. ކިހިނެއް ހޭގެ މާނައަކީ ހާލު އަހާލުމެވެ. ހީވާ ގޮތުން ކޮބާއަކީ މީހެކެވެ. އެހެން ކަމަށް ވަންޏާ ތި އަހަނީ ކޮބާގެ ހާލު އަހުވާލެވެ. ވިސްނާލަން ޖެހުނެވެ. އަސްލު ހަގީގަތުގައި މިތާނގައި މިބުނާ ކޮބާގެ މާނައަކީ ކޮބާ ހެއްޔެވެ؟ މީހެއްގެ ގާތު ކިހިނެއްހޭ އަހާލުމުން ކުރެވެން އޮތް ސުވާލެއްގެ ކުރިޔަށް ކޮބާ އަހަރުމެން އިތުރު ކުރަމު އެވެ. ޖުމްލަތަކުގެ ފެށުމުގައާއި މެދު ތެރޭގައާއި ނިންމުމުގައި ވެސް އަހަރެމެން ކޮބާ ބޭނުން ކުރަމު އެވެ. އެއަކު މައްސަލައެއް ނެތެވެ. ޝައުގުވެރިވީ ކޯ ޕައިލެޓް މި ބަހާ ބެހޭ ގޮތުން ކިޔައި ދިން އިތުރު ވާހަކަތަކަށެވެ.

ކޮބާ ރެސްޓޯރެންޓް

ކޮބާ ރެސްޓޯރެންޓަކީ ލަންޑަނުގައި މަޝްހޫރު ކޮރެއަން ރެސްޓޯރެންޓެކެވެ. އެއީ 2005 އިން ފެށިގެން ހިނގަމުން އަންނަ ރެސްޓޯރެންޓެކެވެ. ކޮރެއަން ރެސްޓޯރެންޓުތަކުގެ ޚާއްސަ ސިފައެއް ކަމަށްވާ މޭޒުމަތީގައި ކެއްކުމުގެ ތަޖުރިބާ ކޮށްލުމުގެ ޚިދުމަތް އެ ރެސްޓޯރެންޓުން ލިބެ އެވެ. ކޮބާ ރެސްޓޯރެންޓަކީ ބާބެކިއުއަށް ޚާއްސަ ރެސްޓޯރެންޓެކެވެ. އެހެންކަމުން މޭޒުމަތީގައި ހުންނަ ގްރިލްއަކުން އަމިއްލައަށް ބާބެކިއު ހަދާލައިގެން ކެއުމުގެ ފުރުސަތު އެ ރެސްޓޯރެންޓުން ލިބެ އެވެ.

ކޮބާ ސްޓާލިން

ޖޯޖިއާއަށް އުފަން، ޖޯސެފް ސްޓާލިންއަކީ ޔޫއެސްއެސްއާރްގެ މާކްސިސްޓް ލީޑަރެކެވެ. 1917 ވަނަ އަހަރު ގެނެވުނު ބޮލްޝްވިކް ރިވޮލިއުޝަނަށްފަހު ސޯޝަލިސްޓް ލީޑަރެއްގެ ގޮތުގައި ރަޝިޔާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ވާން ފެށި ސްޓާލިން ވަނީ އެ ގައުމުގެ އުފެދުނު އެންމެ ބާރުގަދަ ލީޑަރުގެ ގޮތުގައި ވެރިކަން ކުރައްވާފަ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ބަލިކުރުމުގައި ހަގީގީ މޭސްތިރިއަކީ ވެސް ސްޓާލިން އެވެ. ޔޫއެސްއެސްއާރު އިންޑަސްޓްރިއަލައިޒް ކޮށް ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމު ކަމަށް ހަދައި ސުޕަ ޕަވަރެއްގެ ލަގަބު އެ ގައުމަށް ހޯއްދަވައި ދެއްވި ޖޯސަފް ސްޓާލިން ވަނަމެއްގެ ގޮތުގައި ބޭނުންކުރެއްވީ ކޮބާ އެވެ. ކޮބާއަކީ ސްޓާލިންގެ އުފަން ގައުމު ކަމަށްވާ ޖޯޖިއާގައި ބާރުގަދަކަމާއި ހުށިޔާރުކަން ރަމްޒުކޮށްދޭ ނަމެކެވެ. މާނައަކީ ސިންގާ އެވެ.

ކޮބާ އިންޑޮނޭޝިއާ

އިންޑޮނޭޝިއާގައި ކޮބާއަކީ ސެންޓްރަލް ބެންކާ ޖަޒީރާގެ ޑިސްޓްރިކްޓެކެވެ. އެ ޑިސްޓްރިކްޓް ޓައުން މަޝްހޫރުވެފައި ވަނީ މައިނިންގެ ވަރުގަދަ ސަރަހައްދެއްގެ ގޮތުގަ އެވެ. ހައްކާ ޗައިނީޒް މީހުންނާއި މެލޭ މީހުންގެ މައްސުނި އާބާދީއެއް އޮންނަ މި ޑިސްޓްރިކްޓަކީ ސަގާފީ ޓޫރިޒަމް އާލާވަމުން އަންނަ ސަރަހައްދެކެވެ.

ކޮބާ ކާނަންތަ

ކޮބާއަކީ މަޑަގަސްކަރައިގައި މަޝްހޫރު ލުއި ކާނާގެ ބާވަތެކެވެ. އެ ގައުމުގެ ގައުމީ ލުއި ކާނާގެ ބާވަތަކީ އެއީ ކަމުގައި ވެސް ބެލެވެ އެވެ. ކޮބާއަކީ ފޮނި ކާއެއްޗެކެވެ. ހަދާފައި ހުންނަނީ ޕީނަޓްސް އާއި ބްރައުން ޝުގާ އާއި ހަނޑު ފުށާއި ދޮން ކޭލުންނެވެ. ތައްޔާރުކުރާ ގޮތަކީ ހުރިހާ އެއްޗިހި ރަނގަޅަށް ރަނގަޅަށް ގިރައި އެއްކޮށްލުމަށް ފަހު ކެޔޮފަތުގައި އޮޅާ ލާނީ އެވެ. އައްޑޫ ބޮނޑިއެއް ހިތަށް ގެނަޔަސް ރަނގަޅު ވާނެ އެވެ. ބުނެވޭ ގޮތުގައި އެއީ މީރު ކެއުމެކެވެ.

ކޮބާ ކިހިނެއްހޭ އަހާލުމުން ދޭނެ ޖަވާބު އަހަރެމެން އެންމެނަށް ވެސް އެނގެ އެވެ. އެކަމަކު ވެސް ކޮބާއަކީ ކޮބާހޭ ސުވާލުކޮށްފިނަމަ ވިސްނާލަން ޖެހިދާނެ އެވެ. ބަހަކީ ފާޑެއްގެ އެއްޗެކެވެ. ބައެއް ފަހަރު ބުނާ ބަހުގެ މާނައަކީ ކޯއްޗެއްކަން ވިސްނާ ނުލެވުންސް ދައްކާ ވާހަކަ ރީތިކޮށް ދޭހަވެ އެވެ. ކޮބާއާ ނުލައި ޖުމްލައެއް ފަށައިގަންނަން ދިވެހިންނަށް ވަރަށް އުނދަގުލެވެ.