ތިން ރަށެއްގައި ސިއްހީ މަރުކަޒަށް ބޭނުންވާ އިމާރާތެއްގެ މަސައްކަތް 58 މިލިއަން ރުފިޔާއަށް ކުނި މެނޭޖްކުރާ ސަރުކާރު ކުންފުނި، ވެމްކޯއާ ދުވަހު ހަވާލުކޮށްފި އެވެ.

ފަހަކަށް އައިސް އާންމުކޮށް މިފަދަ ބޮޑެތި މަޝްރޫއުތައް ކަމާ ނުގުޅޭ ސަރުކާރު ކުންފުނިތަކާ ހަވާލުކުރާކަން ވަނީ ފާހަގަވެފަ އެވެ. މިކަމުގެ ސަކުވާތަށް ވެސް ވަނީ ބޮޑުވެފަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ވަނީ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފަ އެވެ.

ވެމްކޯއާ ހަވާލުކުރި ތިން މަޝްރޫއު އަކީ ތ. ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތާއި މަޑިފުށީ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތާއި ގާދިއްފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތެވެ.

ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އާ އިމާރާތުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށް 325 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި، މަޑިފުށީ ސިއްހީ މަރުކަޒަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ގާދިއްފުށީ އިމާރާތުގެ މަސައްކަތް ވެސް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުން ނިންމާށެވެ.

މި އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އުބައިދެވެ. އަދި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲއެވެ.

މީގެ އިތުރުން، އދ. އަތޮޅާއި ފ. އަތޮޅުގެ ދެ މަޝްރޫއެއް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއީ އދ. ކުނބުރުދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް، 8.2 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާގޮތަށެވެ. އަދި ފީއަލީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ 21.6 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ.

އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އަދި، ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

ތިން އަތޮޅެއްގެ ސިއްހީ މަރުކަޒުތަކާ ގުޅޭ މަޝްރޫއުތަކެއް ވެމްކޯއާއި އެމްޓީސީސީއާ ހަވާލުކުރިއިރު އެ ތިން އަތޮޅު ހިމެނޭހެން 31 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ ފުރާވަޑައިގެންފަ އެވެ.

މީގެ ކުރިން ވެސް ބައެއް މަޝްރޫއުތައް، އެ މަސައްކަތްތަކާ ނުގުޅޭ ކުންފުނިތަކާ ހަވާލުކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން، މީގެ ކުރިން ސޯޝަލް ހައުސިންއަށް ހާއްސަ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ސްކޫލުތަކެއްގެ ކްރާސް ރޫމްތަކެއް އެޅުމުގެ މަސައްކަތް ވެސް ހަވާލުކުރި އެވެ. އަދި، އެއާޕޯޓުތައް ހިންގާ އެމްއޭސީއެލާ ވަނީ އައުޓްޑޯ ޖިމްތަކެއްގެ މަސައްކަތް ހަވާލުކޮށްފަ އެވެ.

ތިން ރަށެއްގެ ސިއްހީ މަރުކަޒު އަޅަން ހަވާލުކުރި ވެމްކޯއަކީ ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރަން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ކުރަނީ ވެސް އެ މަސައްކަތެވެ.