އަންހެނަކު ވަޒީފާއަދާކުރާ ކަމަށް ވާނީ ގޭގެ ޒިންމާ ދޫކޮށްލައިފައި މުޅި ދުވާލު އެހެން ބަޔަކަށް މަސައްކަތް ކޮށްދިނުމުން ހެއްޔެވެ؟ އެކަމުގައި މި ހުނަރުވެރިޔާ ދެކޭ ގޮތް ތަފާތެވެ. އަންހެނުން ވަޒީފާ އަދާކުރުން އޭނާ މާނަކުރަނީ އަންހެނަކަށް ވީތީ ދަރިންނާއި ގޭގެ ޒިންމާ އަދާކުރުމަށްފަހު، ހުނަރުހުރި، ކުރާހިތްވާ، ރަނގަޅު އާމްދަނީއެއް ލިބޭ ކޮންމެ މަސައްކަތެއް ކުރުމަށެވެ.
ށ. މިލަންދޫއަށް އުފަން، އެރަށު ކަރަންކާވިލާ، ފާތުމަތު ލީޝާ (ލީޝާ) އުޅެ ބޮޑުވީ މީރުކޮށް ކައްކާ މީހުން ދިރިއުޅޭ އާއިލާއަކަށެވެ. އޭނާގެ މަންމަ، މާމަ އަދި ބޮޑު ދައިތައަކީ ވެސް ކެއްކުމުގެ ފަންނުގައި ވަރަށް ހުނަރުވެރި މީހުންނެވެ. އެހެން ނަމަވެސް އޭރު ކެއްކުމަކަށް ވެސް އަދި އެހެން މަސައްކަތަކަށް ވެސް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނުހުރެ އެވެ. ކުރާނެ މަސައްކަތަކާ ދޭތެރޭ ލީޝާ ވިސްނަން ފެށީ ޒަވާޖީ ހަޔާތެއް ފަށައި، ފުރަތަމަ ދަރިފުޅު އުފަންވުމަށް ފަހު އެވެ.
"ރަށުގައި އުޅުނުއިރު އެއްވެސް ވަޒީފާއަކަށް ނުދަން. އެހެން އުޅެނިކޮށް ފުރަތަމަ ދަރިފުޅު ލިބުނު ފަހުން ވަޒީފާއެއް އަދާކުރަން ބޭނުންވި. ދެން ހިތަށް އެރީ ގޭގައި ކުދިން ބަލަމުން ކުރަން އެންމެ ރަނގަޅު މަސައްކަތަކީ ކެއްކުމޭ. އެހެން ހިތަށް އަރައި އެ މަސައްކަތް ފެށީ،" ދެ ކުދިންގެ މަންމަ ލީޝާ ބުންޏެވެ.
ލީޝާ ކެއްކުމުގެ މަސައްކަތް ފުރަތަމަ ފެށީ ކުޑަކޮށެވެ. ފަހުން މީހުންގެ ތަރުހީބު އިތުރުވުމުން އެ މަސައްކަތް ފުޅާކުރި އެވެ. ބޮޑެތި ކެއުންތައް ތައްޔާރު ކުރަން ފެށި އެވެ. ރަށުގެ ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ކެއްކުންތައް ވެސް ބިޑަށްލައިގެން ދިމާވުމުން، އެ މުއައްސަސާއަށް ގަވައިދުން ކައްކަމުން ގެންދިޔަ އެވެ. ގާތްގަނޑަކަށް ތިން އަހަރާ ހަމަސް ވަންދެން އޭނާ އެ މަސައްކަތް ކުރި އެވެ.
އަހަރުތަކަކަށް ފަހު 2016 ގައި އޭނާ މާލެ ބަދަލުވީ ކުދިންނަށް ކިޔަވައިދިނުމުގެ ބޭނުމުގަ އެވެ. އެ ދުވަސްވަރު އޭނާ ދިރިއުޅޭ ގޭގައި އޮފީސްތަކުގައި މަސައްކަތްކުރާ ކުދިން ބައިތިއްބައިދެ އެވެ. ގާތްގަނޑަކަށް 30 ވަރަކަށް ކުދިންނަށް ކައްކާ ކާންދީ އެ ކުދިން ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ލީޝާ ހަވާލު ވެގެންނެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް ބޮޑެތި ކެއުންގަނޑު ތައްޔާރު ކޮށްދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭގެ ހަތަރު އަހަރު ފަހުން 2020 ގައި ރާއްޖެއަށް ކޮވިޑް ފެތުރި، ލޮކްޑައުންގައި ހުންނަން ޖެހުމުން ކެއްކުމުގެ މަސައްކަތް ކުރިއަށް ވުރެ ބޮޑަށް ފުޅާކުރުމަށް އޭނާ ވިސްނި އެވެ. މިފަހަރު ޓިކްޓޮކް އަދި އިންސްޓަގްރާމްގައި "3ލީ ޑޮޓް އޮންލައިން" ކިޔާ ޕޭޖެއް ހުޅުވި އެވެ. އަދި އޭނާ ބޭނުންވި ގޮތަށް އިހުނަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ވިޔަފާރި ފުޅާކުރި އެވެ. އެ ޕޭޖް ރަޖިސްޓްރީ ކުރުމަށްފަހު އެންމެ ފުރަތަމަ ތައްޔާރުކުރީ ބޯވަ ޕެކެޖް އެވެ.
"ބޯވަ ޕެކެޖެއްޖައި މިހުންނަނީ ފަސް ރޮއްޓާއި، ހަނާކުރި ބޯވަ ޕޯޝަނެއް. އޭގެ އިތުރުން ބޮނޑިބަތް ޕޯޝަނެއް. ފުރަތަމަ ހެދީ ރޯބޯވަ ޕެކް. ފަހުން ހިތަށް އެރީ މީރުކޮށް ކައްކާފައި ބޯވް ޕެކް ހެދުމުން މާބޮޑަށް ހިނގާނެޔޭ،" ލީޝާ ބުންޏެވެ.
ވިޔަފާރި އިތުރަށް ފުޅާކޮށްލުން: ގިނަ ފުރުސަތުތަކެއް ފަހިވެގެންދިޔަ
އޮންލައިކޮށް އޭނާ ހިންގި ވިޔަފާރިއަށް ބޮޑު ތަރުހީބެއް ލިބުނެވެ. ލީޝާ ބުނިގޮތުގައި އޭނާގެ ކަސްޓަމަރުންގެ ތެރެއިން 95 ޕަސެންޓް މީހުން އޭނާގެ އުފެއްދުންތައް ބަލައިގަނެ އެވެ. އޭނާ މިއަދު ހުރި ހިސާބަށް އާދެވުމުގެ ސިއްރަކީ ވެސް އެ މީހުންގެ ފަރާތުން ލިބޭ ސަޕޯޓްކަން އޭނާ އުފަލާއެކު ފާހަގަ ކުރި އެވެ.
3ލީ ޝޮޕް: ލީޝާގެ މީރު އުފެއްދުންތައް އެއްތަނަކުން ލިބޭ ފިހާރައެއް
އޭނާގެ ވިޔަފާރިއަށް މިއަދު ވަނީ އާ ބޮޅެއް އިތުރުކޮށްފަ އެވެ. މި ފަހަރު ހުޅުވީ ފިހާރައެކެވެ. އެ ތަނުން އޭނާ އަމިއްލައަށް ތައްޔާރުކުރާ މަސްމިރުހާއި ރިހާކުރާއި ތަފާތު ވައްތަރުގެ އަސާރަ އާއި އަދި ތެލުލި ރެހި ވެސް ލިބެން ހުރެ އެވެ.
"އަޅުގަނޑު ފަހުން ހިތަށް އެރީ ފިހާރައެއް ހުޅުވައިގެންނޭ މިކަން އިތުރަށް ފުޅާކުރެވޭނީ. އެކަމަށްޓަކައި މާފަންނު ފީރޯޒުމަގު ނިމޭ ހިސާބުގައި ހުޅުވީ '3ލީ' ކިޔާ ފިހާރައެއް. އަޅުގަނޑުގެ އަމިއްލަ އުފެއްދުން މުޅިން ވެސް އެތަނުގައި ލިބެން ހުންނާނީ. ކަސްޓަމައިޒްކޮށް ވެސް ބައެއް ތަކެތި ހަދައިދެން. މިސާލަކަށް ކުޅިކޮށް އަދި ކުޅި ނޫންކޮށް ރެހި ތައްޔާރު ކޮށްދެން. ފިހާރަ ހުޅުވި ނަމަވެސް އޮފީސްތަކުން ލިބޭ ބޮޑެތި ކެއުންތަކުގެ އޯޑަރު ނަގަން. ޚާއްސަކޮށް މެންދުރު ކެއުމާއި، އަދި ޑެޒާޓް ވެސް އޯޑަރަށް ތައްޔާރުކޮށްދީ އަދި ޑެލިވާ ވެސް ކޮށްދެން،" އޭނާ ބުންޏެވެ.
ފިހާރަ ހުޅުވުމަށް ފަހު ވަގުތު ނުލިބޭތީ އޭނާގެ ޕޭޖުން ބޯވަޕެކް ހެދުން ހުއްޓާލި އެވެ. ނަމަވެސް ހަލާކު ނުވާ ގުޅަ، ބަޖިޔާ، ކުޅިކާޖާ ފަދަ ދިވެހި އުފެއްދުންތައް އެޕޭޖުން މިހާރު ވެސް ލިބެން ހުރެ އެވެ.
ލީޝާ ނަގާ ޑެލިވަރީތައް ގަޑިއަށް ފޯރުކޮށް ދިނުމަށްޓަކައި އެކަމަށް ޚާއްސަ މުވައްޒަފުން ގެންގުޅެ އެވެ. ގަޑިއަށް އެޚިދުމަތް ދިންކަމުގައި ވިއަސް އެ މަސައްކަތުގައި ހުރި އެންމެ އުނދަގޫ ކަމަކީ ޑެލިވާކުރުން ކަމަށް ލީޝާ ބުންޏެވެ.
މިއަދު އޭނާގެ ދަރިން ވަނީ ބޮޑެތިވެފަ އެވެ. އަމިއްލައަށް ކަންކަން ކުރެ އެވެ. ވީމާ ލީޝާގެ ހުރިހާ ވަގުތެއް ވިޔަފާރިއަށް ވަނީ ހުސްވެފަ އެވެ. އޭނާ ބުނިގޮތުގައި އޭނާގެ ވިޔަފާރިއަކީ މާކެޓް ވެސް އޮތް، ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ރަނގަޅު އާމްދަނީއެއް އެކަމުން އޭނާއަށް ލިބެ އެވެ.
ލީޝާގެ މަސައްކަތުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ އޭނާގެ ފިރިމީހާ އާއި އަހެން ދަރިންކަން އޭނާ އުފަލާއެކު ފާހަގަ ކުރި އެވެ. އޭނާގެ ވިސްނުމަކީ މި ކާމިޔާބު ވިޔަފާރި މުސްތަގުބަލުގައި މިހާރަށްވުރެ ވެސް ބޮޑަށް ފުޅާކުރުމެވެ.