ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން މިއަދު ބޭއްވި މިނިވަންމުއައްސަސާތަކުގެ ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން މުޒާހަރާ ކުރަމުން އެބަދެ އެވެ.
އެ ކޮމިޓީ ސިއްރުކުރަން މިއަދު ނިންމީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަވެދާނެ ކަމަށް ބުނެ އެވެ. އަންނަ ހޯމަ ދުވަހު ދައުރުން ބޭރުގައި ބާއްވާ ޖަލްސާގައި އެ ބިލް ފާސްކުރަން ޕީއެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑު ނާހައި، އެއްވެސް ދޫދިނުމެއް ނެތި އެ ބިލް އަވަހަށް ފާސްކުރަން ރައީސް މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އަންގަވާފަ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި އެ ބިލް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
އެ ބިލް ޑްރާފްޓްކޮށްފައި ވަނީ ނާޒިމްގެ އިތުރުން ބަންޑާރަ ނައިބު އަހްމަދު އުޝާމާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލްގެ ބައިވެރިވުން އޮވެގެންކަން "ހުރިހާ" އަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ބޭފުޅުން އުޅެނީ އެ ބިލާ ހަވާލުނުވާންވެގެންނެވެ.
އެއީ ހަންނާން ކުރާ ކަމެއް ކަމަށް ބުނެ އެ ބޭފުޅުން ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ބައިވެރިވުމެއް ނެތް ބިލެއް ކަމަށް ބުނާއިރު، އެ ބިލްގެ ދިފާއުގައި ތެދުވެ ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން އެ ބިލް އަވަހަށް ފާސްކުރަން ސަރުކާރުން އުޅޭތީ ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މަޖިލިސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކުރާ ނޫސްވެރިން ގޮވާލަމުން ދަނީ އެ ބިލް ބޭރުކުރުމަށެވެ. އަދި އެ ބިލް ފާސްކުރަން އުޅެނީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ވާހަތަކާއި މަޖިލިސް މެންބަރުންގެ ކޮރަޕްޝަންގެ ވާހަކަތައް ނޫސްތަކުގައި ލިޔުން ހުއްޓުވަން ބިރުދެއްކުމުގެ ގޮތުން ކަމަށް ނޫސްވެރިން އަންނަނީ ބުނަމުންނެވެ.
ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. އެ ޕެޓިޝަނުގައި ރާއްޖޭގެ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.