ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރަން ބޭނުންވާކަން ރައީސް މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ޕީއެންސީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސުންނާއި މެންބަރުންނަށް ދޭ އިނާޔަތް ކުޑަކުރުމަކީ ރައްޔިތުން އެދޭގޮތް ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ އެމްޕީންނަށް މިހާރު ގާނޫނުން ދޭ ފައިސާގެ އަދަދު މަދުކުރަން. އަދި ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަން. ރައްޔިތުން އެދެނީ އެ ގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، ޚާދިމުން،" ޕީއެންސީގެ ވަޓްސްއެޕް ގްރޫޕެއްގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ އެ ހުށަހެޅުމަށް ގިނަ މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ. ބައެއް މެންބަރުން ވަނީ ޑަބަލް ޕެންޝަން ލިބޭ މައްސަލަ ވެސް ހައްލުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބައެއް މެންބަރުން ވިދާޅުވީ މިއީ މަޖިލިސް މެންބަރުން ވީއައިޕީގެ ހިދުމަތް ގިނައިން ބޭނުންކުރާތީ ނޫސްތަކައި އެކަމަށް ފާޑުވިދާޅުވެ ލިޔެފައިވާ ހަބަރުތަކާ ގުޅިގެން ކުރަން އުޅޭ ކަމެއް ކަމަށެވެ.

މިފަދަ އިސްލާހެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން އަދި ނިންމާފައެއްނުވެ އެވެ.