ވަގަށް މެންބަރުން އިތުރުކޮށްގެން އެންމެ ގިނަ މެންބަރުންގެ ރެކޯޑު ހޯދި ވެރިކަންކުރާ ޕީއެންސީއަކީ މިފަހަރު ވެސް އެންމެ ގިނަ ފައިސާ ލިބޭ ސިޔާސީ ޕާޓީއަށް ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކުތަކަށް ފޮނުވާފަ އެވެ. އެގޮތުން ޕީއެންސީއަށް 13.31 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި އިދިކޮޅު އެމްޑީޕީއަށް ޖަމާކުރަން ފޮނުވާފައި ވަނީ 8.45 މިލިއަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީއަށް 2.65 މިލިއަން ރުފިޔާ ޖަމާކުރަން ފޮނުވާފައިވާއިރު، އަދާލަތު ޕާޓީ އާއި އެމްޑީއޭ އަށް 1.7 މިލިއަން ރުފިޔާ ދޫކުރަން ބޭންކުތަކަށް ވަނީ ފޮނުވާފަ އެވެ.
ވަގަށް ގިނަ އަދަދެއްގެ މެންބަރުން ވައްދައިގެން ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 68،665 އަށް އަރާފަ އެވެ. ޕީއެންސީއަށް ވަގަށް ވެއްދި އެތައް ބަޔަކު އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅިނަމަވެސް ހެކި ނެތް ކަމަށް ބުނެ، އެ މައްސަލަތައް ފައިލްކޮށް ތަހުގީގު ނުކުރަން ވަނީ ނިންމާފަ އެވެ.