ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ އެންމެ ފަހުން ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.
ޒަމީރު އެންމެ ފުރަތަމަ މި ސަރުކާރުގައި އަދާކުރެއްވީ ފޮރިން މިނިސްޓަރު ކަމެވެ. އޭގެފަހުން މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުން އެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރެއްވީ ޒަމީރެވެ.
ޒަމީރު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ވެސް ރާއްޖޭގެ މާލީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. އެގޮތުން ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓްގެ އަގު 20 ރުފިޔާއަށް ވަނީ އުފުލިފަ އެވެ.
އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި ސަރުކާރުން ހަރަދު ކުޑަކޮށްފައިވާކަން ދެއްކުމަށްޓަކައި މާލީ ހިސާބުތައް ފިނޭންސް މިނިސްޓްރީން އަންނަނީ ނެރެމުންނެވެ.
ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ރާއްޖޭގެ ގިނަ ކޮންސްޓްރަކްޝަން ކުންފުނިތައް ތިބީ ބަނގުރޫޓްވުމާ ހިސާބުގަ އެވެ.
ގައުމުގެ ހާލަތު މިފަދަ ގޮތަކަށް އޮތްއިރު، ޒަމީރު އިސްތިއުފާދޭން ނިންމަވާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރައީސް މުއިއްޒު ވަނީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމަށް މިނިސްޓަރު ފެންވަރުގައި ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދު އައްޔަންކުރައްވާފަ އެވެ.