އީރާނާއެކު ކުރި ހަނގުރާމައިން ކުރި ހޯދައި ކާމިޔާބު ހޯދީ އީރާން ކަމަށް އިޒްރޭލްގެ 92 އިންސައްތަ މީހުން ގަބޫލުކުރާކަން އާ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ އެހީތެރިކަމާއެކު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ މައިގަނޑު މަގްސަދުތަކަކީ އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ނައްތާލުމާއި، އީރާނުގެ ސަރުކާރު ވައްޓާލުމެވެ.
ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، ސްވިޒަލޭންޑްގައި ދެގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، އިޒްރޭލްގެ ގިނަ ބަޔަކު ގަބޫލުކުރަނީ މި ކުރިމަތިލުމުން އީރާނު މޮޅުވެފައިވާ ކަމަށެވެ. ގުދުސްގެ ހީބްރޫ ޔުނިވާސިޓީން ކުރިއަށް ގެންދިޔަ މި ސާވޭއިން ދައްކާ ގޮތުގައި، އިޒްރޭލުގެ ގިނަ ރައްޔިތުން މި ހަނގުރާމަ އާއި އެމެރިކާއާއެކު ވެވުނު އެއްބަސްވުމާ މެދު ހިތްހަމައެއް ނުޖެހެ އެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 83 އިންސައްތަ މީހުން ބުނެފައިވަނީ މި ހަނގުރާމައިގެ ސަބަބުން އިޒްރޭލްގެ ދިގު މުއްދަތުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި 86 އިންސައްތަ މީހުން ވަނީ މި ނަތީޖާއާ މެދު ނުހަނު ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އާންމުންގެ މި ވިސްނުން ހުރީ އިޒްރޭލްގެ ސިޔާސީ އަދި އަސްކަރީ އިސްވެރިންގެ ވިސްނުމާ ވެސް އެއްގޮތަށެވެ. ގިނަ ފަރާތްތަކަކުން ދެކޭ ގޮތުގައި އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ނިމިގެންދިޔަ ގޮތުން، ސަރަހައްދީ ގޮތުން އިޒްރޭލަށް އޮތް ނުފޫޒު ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.
ސާވޭގެ ނަތީޖާތަކަށް ބަލާއިރު، އިޒްރޭލަށް ބޮޑެތި ކާމިޔާބީތަކެއް ލިބި، އޮތް ނުރައްކާތައް ނައްތާލެވުނު ކަމަށް ބުނެ ނަތަންޔާހޫ ދައްކަވާ ވާހަކަތައް 72.5 އިންސައްތަ މީހުން ގަބޫލެއް ނުކުރެ އެވެ. މިއީ ބޮޑުވަޒީރުގެ ސިޔާސީ މުސްތަގުބަލާ މެދު އުފެދިފައިވާ ނުތަނަވަސްކަން ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، 88 އިންސައްތަ މީހުން ބުނެފައިވަނީ އިޒްރޭލުން ކަނޑައެޅި މަގްސަދުތައް ހާސިލުނުވާ ކަމަށް ނުވަތަ ހާސިލުވީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އަދި ނަތަންޔާހޫ މި ހަނގުރާމަ މެނޭޖްކުރި ގޮތް ގޯސް ކަމަށް ނުވަތަ މުޅިން ފެއިލްވެފައިވާ ކަމަށް 56 އިންސައްތަ މީހުން ވަނީ ބުނެފަ އެވެ.
އީރާނުން މި ހަނގުރާމައިގައި ކުރިހޯދި ކަމަށް އިޒްރޭލުގެ ރައްޔިތުން ގަބޫލުކުރި ނަމަވެސް، ލުބުނާނުން އިޒްރޭލު ސިފައިން ފޭބުމަށް އެ ގައުމުގެ ގިނަ ބަޔަކު ބޭނުމެއް ނުވެ އެވެ. މިއީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހެވެ.
އީރާނުން ބާރުއަޅަމުންދަނީ އިޒްރޭލުން ލުބުނާނަށް ބޮން އެޅުން ހުއްޓާނުލައި އަދި ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި އިޒްރޭލް ސިފައިން ތިބޭހާ ހިނދަކު، ދާއިމީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި ސާވޭއިން ދައްކާ ގޮތުގައި، އިޒްރޭލްގެ 48 އިންސައްތަ މީހުން ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ތާއީދުކުރެ އެވެ. އިޒްރޭލުން ބުނަމުންދަނީ އެ ގައުމުގެ އަމާޒަކީ އީރާނާ ގުޅުން އޮންނަ ހިޒްބުﷲ ޖަމާއަތް ކަމަށެވެ. މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން މި ހަނގުރާމައަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިދާނެ ފަދަ ހާލަތެއްގައި ވެސް އެ ތާއީދު ދަމަހައްޓާނެ ކަމަށެވެ.
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!