ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޒުވާން މުވައްޒަފަކު ކުއްލި ގޮތަކަށް ޖަޕާނުގައި ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ (29 އ) އެވެ. ލުޖެއިނާ ނިޔާވީ ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގައި ކިޔަވައި ނިންމުމަށްފަހު މާލެ އައުމަށް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަމަށް އެނގިފައި ވެއެވެ.
ލުޖައިނާ ނިޔާވިކަން ޖަޕާނު ސަރުކާރުން ރަސްމީކޮށް އަންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އޭނާ ނިޔާވިކަން އެނގުނީ ހަބަރެއް ނުވެ، ދެ ދުވަސް ވުމުން އެކުގައި އުޅޭ އެކުވެރިންނަށް އާއިލާއިން ގުޅައިގެން އޭނާ އުޅޭ އެޕާޓްމަންޓަށް ވަދެގެންކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
ޖަޕާނަށް ލުޖައިނާ ފުރާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓްމަހު ގައި ޖަޕާން ސަރުކާރުގެ ސްކޮލާޝިޕެއްގަ އެވެ. ލުޖައިނާ މާސްޓާސް ކޯސް ފުރިހަމަކުރުމަށްފަހު ޖަޕާންގައި މަޑުކޮށްގެން ހުރީ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު މާލެ އައުމަށް ކަމަށް އާއިލާ އިން ބުންޏެވެ.
ޖަޕާނު ސަރުކާރުގެ އުސޫލުތައް އޮންނަ ގޮތުން އެ ގައުމުގައި މަރުވާ މީހުންގެ ހަށިގަނޑު ގައުމަށް ގެނައުމުގެ ކުރިން ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. ލުޖައިނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދެނީ އަންނަ ހޯމަ ދުވަހު ކަމަށް އާއިލާއިން ބުނެ އެވެ.