ބެލްކަނީގައި ގަސް ހެއްދުމަކީ ހިތްހަމަ ޖެހުން އިތުރުކޮށްދޭ ކަމެއް. ވަކިން ޚާއްސަކޮށް ފެންގަސް ހުރުމަކީ ވަރަށް ތަފާތު އުފާވެރި އިޙްސާސެއް ކުރުވާނެ ކަމެއް. ފެން ގަސް ބަގީޗާއެއް ބެލްކަނީގައި ހެއްދުމަކީ ފަސޭހަ ކަމެއް. އެކަމަށް ބޭނުން ވަނީ ފެން ލީކުނުވާނެ ފަދަ ފުން ކަންވާރަކާއި ފެން ގަސް. މާ އަޅާ ފެން ގަހާއި، ފެންމަތީ ހެދޭ ފެން ގަހާއި، އަދި ފެންގަނޑު ސާފުކޮށްދޭ ފެންގަސް ފެން ބަގީޗާގައި ހިމެނުމަކީ އެ ބަގީޗާއަށް ފުރިހަމަ ކަމެއް ގެނުވައި ދޭނެ ކަމެއް. ފެން ފަށަލަ އެއްވަރެއްގައި ބެހެއްޓުމަށާއި ފެންގަނޑުގައި މަދިރި ފަނި ނާޅާނެ ފަދައިން އެ ފެން ގަސް ބަގީޗާ ބެލެހެއްޓުމަކީ ގަސްތަކުގެ ހެދިބޮޑުވުމަށް މުހިންމު ކަންކަން.

ފިކުރުތަކާ ދުރުވެލަން ބެލްކަންޏަށް ނުކުމެލާ ކޮންމެ ފަހަރަކު ގުދުރަތީ ރީތިކަން އެބެލްކަނިން ފެންނަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟. ބެލްކަނީގައި ގަސް ހެއްދުމަކީ ހިތްހަމަޖެހުން އިތުރު ކޮށްދޭނެ ކަމެކެވެ. ފެނުގެ ބަގީޗާއެއް ހެއްދިފައިވާ ނަމަ، އިތުރު ފުރިހަމަކާއި އާރޯކަން ގެނުވައިދެ އެވެ. ހިއްސުތަކަށް އުފާވެރިކަން ގެނެސްދެ އެވެ. ލޮލުގެ ފިނިކަން އިތުރުކޮށްދެ އެވެ.

ވޯޓާ ލެޓިއުސް: ފެންމަތީ ހެދޭ އަދި ގިނަވާ ގަހެއް

ބެލްކަނީގައި ފެނުގެ ބަގީޗާއެއް ހެއްދުމަކީ އުނދަގޫ ކަމެއް ނޫނެވެ. ފެނުގައި ހައްދާ ގަހަކީ ވެލީގައި ހައްދާ ގަހާ ޚިލާފަށް، އެހެއްދުމަށް މާބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. މާބޮޑު ޖާގައެއް ވެސް ހިފުމެއް ނުވެ އެވެ. އެކަމަށް ހަމައެކަނި ބޭނުންވަނީ، ފެން ލީކުނުވާނެ ފަދަ 6 އިންޗި ފުންމިނުގައި ހުންނަ ހެޔޮވަރު ވަރެއްގެ ކަންވާރެކެވެ.

ބެލްކަނީގައި ހައްދާފައިވާ ފެންބަގީޗާއެއް: މިފަދަ ބަގީޗާއެއް ހެއްދުމަކީ ފަސޭހަ ކަމެއް

ފެން ގަހަކީ ގަދަ އަވި ބޭނުންވާ އެއްޗެކެވެ. އެހެން ކަމުން ފެންގަސް އިންދަން ހޯދި ކަންވާރު ބައިންދަން އެންމެ ރަނގަޅުވާނީ ބެލްކަނީގައި ރަނގަޅަށް އަވި ލިބޭ ދިމާއެއްގަ އެވެ. އެންމެ މަދުވެގެން 4 ނުވަތަ 6 ގަޑިއިރު ގަދައަވި ލިބެން ވާނެ އެވެ. ފެންގަސް ހޯދާއިރު ފެންގަނޑު ސާފުކޮށްދޭ ގަހާއި، ފެންމަތީ ހެދޭ ގަހާއި އަދި މާ އަޅާގަސް ހެއްދުމަކީ ފެން ބަގީޗާއަށް އިތުރު ފުރިހަމަކަމާއި ރީތިކަން ގެނުވައިދޭނެ ކަމެކެވެ. އަދި ގަސްތައް ރީތިކޮށް ހެދެން މެދުވެރިވާނެ ސަބަބެކެވެ.

ވޯޓާހައިސީިންތް ގަސް: ފެންމަތީގައި ހެދޭ ވައިލެޓުމަލެއް އަޅާ ހިތްގައިމު ގަހެއް

ފެން ބަގީޗާއަށް ރީތިކަން ގެނައުމަށްޓަކައި ފެންގަނޑު ތެރޭގައި ފެންގަސް އިންދާނީ އެކި އުސްމިނަށެވެ. ފެނުގައި އިންދާ ގަސް އެ ފެންގަނޑުގެ ތެރޭގައި އޮޔާ ގޮސް އެއްގަހާއި އަނެއް ގަހާއި ނުޖެހޭނެ ގޮތް ހެދުން މުހިންމެވެ. އިންދާ ގަހެއް ނަމަ ރަނގަޅަށް މޫގަނޑަށް ބަރު ކުރަންވާނެ އެވެ.

ކަންވާރަށް ފެން އަޅާނީ މާ ތިރި ނޫން އަދަ ފުރިގެން ބަނޑުން ނުދާވަރު ބަލައިގެންނެވެ. މިއީ އަވީގައި ހުންނަ ފެންގަނޑެއް ކަމުން އޭގައި ހުންނަ ފެން އާތްވައް ބަދަލުވާނެކަން ދަންނަންވާނެ އެވެ. އޭގެ ސަބަބުން ފެން ފަށަލަ ތިރިވާނެ އެވެ. ވީމާ އަބަދުވެސް އެއްވަރެއްގައި ފެނުގެ ފަށަލަ ބެހެއްޓުމަށްޓަކައި މަދުވާ ވަރަކަށް ފެންއަޅައި ފެން ހަމަކޮށްލަން ވާނެ އެވެ.

ފެން ބަގީޗާއެއް: ފެން ބަގީޗާގައި ފެންގަސް އިންދާނީ އެކި އުސްމިނަށް

ފެންގަނޑުގައި މަދިރި އާލާވިއަ ނުދިނުމަށްޓަކައި ފެން ދައުރު ކުރުވުން ވެސް މުހިންމެވެ. އެ ކަމަށްޓަކައި ކުޑަ ޕަންޕެއް ފެންގަނޑު ތެރޭގައި ހަރުކުރެވިދާނެ އެވެ.