ދަރިމައިވުމާއި ބަލިވެ އިނުމުގެ މައްސަލަތަކަކީ އަންހެނުންގެ މެދުގައި ގިނަ މައްސަލަތަކަކަށް ވާއިރު އެ މައްސަލައަށް ހައްލެއް ހޯދުމަށް ސިއްހީ މާހިރުންނާއި ސައިންސްވެރިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި ސިއްހީ ކުރިއެރުންތަކެއް ލިބިފައިވާއިރު ޗައިނާއިން މިވަނީ މި މައްސަލައަށް މުޅިން ތަފާތު، އާދަޔާ ޚިލާފު ހައްލެއް ގެނައުމުގެ މަސައްކަތް ފަށާފަ އެވެ.

އެގައުމުގެ ސައިންސްވެރިން ވަނީ އިންސާނުންގެ ދަރިންނަށް "ބަލިވެ އިނދެ" ދަރިން އުފަންކުރާ ހިއުމަނޮއިޑް ރޮބޮޓްތަކެއް އީޖާދު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ރޮބޮޓުގައި އެކުލެވޭ އާޓިފިޝަލް ރަހިމަކީ ނުވަ މަސް ވަންދެން ދަރިއަކު ތަރައްގީ ކުރުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓެކެވެ.

މި މަސައްކަތުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ އިންސާނުންގެ ދަރިފަންޏާއި ދަރިބިސް ރޮބޮޓްގެ ރަހިމަށް ލުމަށް ކުރާ މަސައްކަތް ކަމަށް ބުނެވެ އެވެ.

ކުރިއަށް މިއޮތް 2026 ވަނަ އަހަރު މި ރޮބޮޓުތައް ބާޒާރަށް ނެރެން މަސައްކަތް ކުރާއިރު މިއިން ރޮބޮޓެއްގެ އަގަކީ 14000 ޑޮލަރެވެ. މިއީ ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލުކުރާ މީހުން މިހާރު ޚިޔާރުކުރާ "ސަރޮގަސީ"އަށްވުރެ އެތައް ތަނެއް ހެޔޮ އަގެކެވެ. އެހެން އަންހެނެއްގެ ރަހިމެއްގައި ދަރިން ބޮޑުކުރާ "ސަރޮގަސީ"ގެ އަގު އުޅެނީ 100،000 ޑޮލަރުން މަތީގަ އެވެ.

މި ރޮބޮޓަކީ ސިއްހީ އަދި ޖިސްމާނީ ސަބަބުތަކުގެ ސަބަބުން ބަލިވެ އިނުމުން މަހުރޫމްވެފައިވާ ނުވަތަ ދަރިމައިވުމުގެ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އާ އުއްމީދެއް ކަމަށް މާހިރުން ބުނެ އެވެ.

އެހެން ނަމަވެސް މިއީ ގުދުރަތުގެ ހަމަތަކަށް ގޮންޖެހުން ކަމަށާއި މިފަދަ ރޮބޮޓުތަކުން އުފަންވާ ކުދިންނާއި މައިމީހާއާ އޮންނަންވާ ގުޅުން ނޯންނާނެ ކަމަށް ވެސް ބައެއް މީހުން ފާހަގަކުރެ އެވެ.