ސިންގަޕޫރުގައި ވޭޕް ބޭނުންކުރުމަކީ ޑްރަގް ބޭނުންކުރުން ފަދަ ބޮޑު ކުށަކަށް ހައްދަވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ރޭ ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ އެއްވުމެއްގައި ދެއްވި ހިތާބެއްގައި ބޮޑުވަޒީރު ވޮންގް ވިދާޅުވީ ކޮންމެ ޖީލަކުން ވެސް ނުރަނގަޅު އާދަތަކުގެ ސަބަބުން ޒުވާނުންނަށް ކޮށްފާނެ ނޭދެވޭ އަސަރަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ބޮޑުވަޒީރު ވޮންގް ވިދާޅުވީ އަބަދު ވެސް ކޮންމެވެސް އައު ހިރާހެއް އުފެދޭނެކަމަށާއި، އެ ގޮތުން ވޭޕް ކުރުމަކީ ވެސް އެ ފަދަ ނުރައްކަލެއް ކަމަށެވެ.

ވޭޕްކުރުމުގެ މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ވޮން ވިދާޅުވީ ވޭޕް ބޭނުންކުރުމަކީ ސިންގަޕޫރުގައި މަނާކަމެއް ނަމަވެސް އެ ގައުމަށް ވަގަށް ވޭޕް އެތެރެކުރުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ވޭޕް ކުރާ ސާމާނު ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޮން ވިދާޅުވީ މި ފަދަ ވޭޕް ބޭނުންކުރާއިރު އޭގައި ދެވި ހިފާ މާއްދާތައް ހިމަނާ ކަމަށެވެ. އެގޮތުން އޭގައި ސިއްހަތަށް ގެއްލުންހުރި އެޓޮމިޑޭޓް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ވޭޕްކުރަން ބޭނުންކުރާ އާލާތްތަކަށް ވުރެ ނުރައްކާ ބޮޑީ އޭގައި ހިމެނޭ މާއްދާތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވަގުތު އާއްމުކޮށް ބޭނުންކުރާ މާއްދާއަކީ އެޓޮމިޑޭޓް ކަމަށްވި ނަމަވެސް އަދި އެއަށް ވުރެ މާ ބާރުގަދަ އަދި ނުރައްކާތެރި މާއްދާތައް ކުރިއަށް އޮތް ތަނުގައި ބޭނުންކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވޭޕްގެ މައްސަލަތަކުގައި އަމަލުކުރާނީ ވަރަށް ހަރުކަށިކޮށް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

2018 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވޭޕް ކުރުން މަނާކޮށްފައިވާއިރު، އެ ގައުމުގެ ގާނޫނުގައި މިހާރު އޮތް ގޮތުން ވޭޕް ގެންގުޅުމާއި ބޭނުންކުރުމާއި ގަތުމަކީ 2،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ކުށެކެވެ.

އެހެން ނަމަވެސް ހަމައެކަނި ޖޫރިމަނާއެއްގެ ގޮތުގައި އަދަބު ކަނޑައަޅާފައި އޮތުމަކީ މި ހާލަތުގައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެއަށް ވުރެ ބޮޑެތި އަދަބުތައް ދޭންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ބޮޑުވަޒީރު ވޮން ވިދާޅުވި އެވެ.

އެހެންކަމުން މީގެ ފަހުން އެއީ ޑްރަގް މައްސަލައެއްގެ ގޮތުގައި ބަލައި، ދޭ އަދަބު އިތުރަށް ހަރުކަށިކުރާނެ ކަމަށް ވޮންގް ވިދާޅުވެފައިވެ އެވެ. އެގޮތުން ޖަލު ހުކުމާއި އެހެނިހެން ބޮޑެތި އަދަބުތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭޕަށް ދެވިހިފާފައިވާ މީހުން އެ ކަމުން ސަލާމަތްކުރުމަށް އެ ފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވޮންގް ވިދާޅުވި އެވެ.

ވޭޕްގެ ނުރައްކާތަކާމެދު އާއްމުން ހޭލުންތެރިކުރުމުގެ ހާއްސަ މަސްރޫއުއެއް ފަށާނެ ކަމަށާއި، ވޭޕްގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަކީ ގައުމީ ފެންވަރުގައި ކުރާނެ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.