ފޭސްބުކްގައި މީހަކު ލިޔުނެވެ. އާދައިގެ ޑޮކްޓަރުންގެ މުސާރައަކީ މިހާވަރެވެ. މުދައްރިސަކަށް ލިބެނީ މިހާވަރެވެ. މިދެ މުސާރައިގެ މިހާ ބޮޑު ފަރަގެއް އޮންނަން ވީ ކީއްވެ ހެއްޔެވެ. އެ ސުވާލާ ވިދިގެން މީހަކު ލިޔުނެވެ. ގާތްގަނޑަކަށް 80،000 ރުފިޔާގެ މުސާރައެއް މަޖިލިސް މެންބަރުންނަށް ލިބެން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެވެސް ސުވާލެކެވެ. އެ ސުވާލާ ވިދިގެން ދެން ލިޔުނު މީހާގެ ވާހަކަ ވަރަށް ސާފެވެ. ދިނީ ޖަވާބެކެވެ. ފިލުވައި ދިނީ އަރާފައި އޮތް އޮޅުމެކެވެ. ބުންޏެވެ. މަޖިލިސް މެންބަރުންނަކީ ވަރަށް ގިނަ ޒިންމާތައް ނަގަން ޖެހޭ ބައެކެވެ. ބަލި މީހުންނަށް އެހީވުމާއި މީހުންނަށް ޓިކެޓް ނަގައިދިނުމާއި އެނޫން ވެސް ގޮތް ގޮތުން ރައްޔިތުންނަށް އެހީވުމަކީ އެމީހުން ކުރަން ޖެހޭ ކަމެކެވެ. އެހެން ކަމުން އޭނާގެ ނަޒަރުގައި މަޖިލިސް މެންބަރުންގެ މުސާރަ ބޮޑެއް ނޫނެވެ.

މި ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ދައްކާ ވާހަކައެކެވެ. ދާދި ފަހުން ވެސް މަޖިލީހުގައި މި ބަހުސް ހިނގި އެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުން ދާއިރާގެ މީހުންގެ ބޭސްފަރުވާގެ ކަންތަކަށް އެހީތެރިވެ ދިނުމާއި ދާއިރާގެ މީސްމީހުންނާ ބައްދަލު ކުރުމަށް ކޮފީއަށް ދިއުން ފަދަ ކަންތަކަށް ޚަރަދު ކުރުމަށްފަހު މާލޭގައި އުޅޭ ގޭގެ ކުލި ދެއްކޭވަރު ވެސް އޮންނަނީ ނުވެފަ އެވެ. އެހެން ކަމުން ލިބޭ މުސާރަ މާކުޑަ އެވެ. މުސާރަ ބޮޑު ކުރަންޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުސާރަ ބޮޑު ވާހަކައަކީ އާންމު ރައްޔިތުން ދައްކާ ވާހަކައެކެވެ. މަހު މުސާރަ އާއި އިނާޔަތްތަކާ އެކު ގާތްގަނޑަކަށް 80 ވަރަކަށް ހާސް ރުފިޔާ މަހަކު މުސާރައިގެ ގޮތުގައި ލިބުމަކީ ވަޒީފާއެއް އަދާކޮށްގެން ރާއްޖޭގައި އާންމު މީހަކަށް ޚިޔާލަށް ވެސް ގެންނަން ކެރޭ ވަރުގެ މުސާރައެއް ނޫނެވެ.

މުސާރައިގެ އިތުރުން މެންބަރުންގެ މުޅި އާއިލާ ހިމެނޭހެން ބޭސްފަރުވާ ކުރުން ހަމަޖެހިފައި އޮންނަނީ ސައުތު އޭޝިއާގެ އިތުރުން ސައުތު އީސްޓް އޭޝިއާ ވެސް ހިމެނޭ ގޮތުން ބޭނުން ކޮންމެ ތަނަކުން ފަރުވާ ލިބޭ ގޮތަށެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި ބެންކޮކް ހިމެނެ އެވެ. މެންބަރުންނަށް އެފަދަ ފުރިހަމަ ހެލްތު އިންޝޫރެންސް ހަމަޖެހިފައި އޮންނައިރު، ދާއިރާގެ ރައްޔިތަކު ބަލިވެގެން މާލެ ގެންދަން ޖެހުނަސް އާސަންދަ ހަމަޖެހެނީ ވެސް އިއްޒަތްތެރި މެންބަރާ ގުޅައިގެންނެވެ.

މުސާރައިގެ ބޭރުން މެންބަރުންގެ ކުންފުނިތަކަށް ސަރުކާރުން ލިބޭ ޕްރޮޖެކްޓްގެ ފައިދާ އާއި ރައްޓެހިންގެ ކުންފުނިތަކަށް ހޯއްދަވައި ދެއްވާ ޕްރޮޖެކްޓްތަކުގެ ކަމިޝަނާއި ހުރިހާ އެއްޗެއް ގުނާ ވިޔަ ކުރެވިއްޖެ ނަމަ ޚަރަދު ދެކޮޅު ނުޖެހޭކަމަށް ވިދާޅުވާ މެންބަރުންނަށް ރާއްޖޭގެ އެންމެ މުއްސަނދިން އުޅޭ ފަދަ މުއްސަނދި ދިރިއުޅުން އުޅެވޭ ގޮތް އަންދާޒާ ކޮށްލެވިދާނެ އެވެ.

އެހެންކަމުން މެންބަރުންގެ މުސާރައިގެ ވާހަކަ ރައްޔިތުން ދައްކަ އެވެ. ކެމްޕޭނާ ދިމާކޮށް ބައެއް ސިޔާސީ ބޭފުޅުން ވެސް އެ ވާހަކަ ދައްކަވަ އެވެ. އެހެން ނަމަވެސް މެންބަރުން އެ ވިދާޅުވަނީ ޚަރަދު ދެކޮޅު ނުޖެހޭ ވާހަކަ އެވެ.

ޚަރަދު ދެކޮޅު ނުޖެހޭ ވާހަކައިގެ ހުއްޖަތެއްގެ ގޮތުގައި ދައްކާ ވާހަކައަކީ ހަގީގަތުގައި ވަރަށް ސީރިއަސް ވާހަކައެކެވެ. ސަބަބަކީ އެ ދައްކަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ ރިޝްވަތާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ވާހަކަ އެވެ.

މަޖިލިސް މެންބަރުންނަކީ ވަކި ބޭނުމެއްގައި އައްޔަންކޮށްފައި ތިބޭ ބައެކެވެ. އެ މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ދާއިރާގެ ރައްޔިތުންނަށް ކޮފީ ދިނުމާއި މާލެ ދާން ބޭނުންވާ މީހުންނަށް ޓިކެޓް ގަނެދިނުން ނޯންނާނެ އެވެ. އެހެންކަމުން އެފަދަ ކަންކަމަށް ކުރާ ޚަރަދަކީ އަމިއްލަ ގޮތުން ކުރާ ޚަރަދެކެވެ.

އޭގެ އިތުރުން އެގޮތަށް ދާއިރާގެ ރައްޔިތުންނަށް ފައިސާ ބަހާނަމަ އެއީ ކުރިޔަށް އޮތް ދައުރަށް ވޯޓު ހޯދުމަށް ދެވޭ ރިޝްވަތަކަށް ނޫނީ ނުވާނެ އެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަމުގައި ބުނާ ނަމަ އެފަދަ މެންބަރުންނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭނެ އެވެ.