ފުލުހުންގެ ވަޒީފާގެ ހުވާ ނުކުރާ ކަމަށް ބުނެ ކޯޓުގައި ވަކާލާތުކުރި ފުލުސް މީހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތިނަދޫއިން މިދިޔަ މަހު ފުލުހަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިން ވޭޕާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް ބުނެ ނަމަވެސް އެރަށު ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ފުލުސް މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ފުލުހުންގެ ހުވާކުރި މީހެއް ނޫން ކަމަށާއި އަދި ހުވާކުރި ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ފުލުހުން ހުވާ ކިޔާފައި ނުވާނެ ކަމަށެވެ.
ނަމަވެސް ފުލުހުންގެ ވަޒީފާގެ މުސާރަ އެއް މަސްވަންދެން ލިބުނު ކަމަށް އޭނާ އެއްބަސްވި އެވެ. އޭނާ ބުނެފައިވާ ގޮތުގައި ފުލުހުން ހުވާކުރި ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް އަނގަބަހުން ހުވާ ކިޔާފައެއް ނުވާނެ އެވެ. އެކަމާ ގުޅިގެން ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އެ މީހާއަށް އަމާޒުވި އެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ.