ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި މީހަކަށް ވަކި އާއިލާއަކަށް ބަލައިގެން އެކަން ނުކުރާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން ހައްޖު ކޯޕަރޭޝަން ވުޖޫދުވުމަށްފަހު ހައްޖާޖީން ހައްޖަށް ދައްކަން ޖެހޭ ވަރަށް ވުރެ އިތުރަށް ދައްކަން ނުޖެހޭ ގޮތަށް ވަކި އުސޫލުތަކެއްގެ ތެރެއިން ކޯޓާ ދޫކުރަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، މިއަހަރުގެ ހައްޖު މޫސުމުގައި އިންސާފުވެރިކަމާއެކު ކޯޓާތައް ތަރުތީބުކުރުމަށް ޓަކައި އަލަށް ހައްޖުވާ މީހުންނަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނުނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭ ގޮތް ހެދުމާއި، 65 އަހަރުންމަތީ މީހުންނަށް ހައްޖު ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ފަދަ ބަދަލުތައް ތަންފީޒު ކުރާނެ ކަމަށެވެ.
މި ބަދަލުތަކުގެ ސަބަބުން ކިޔޫ ތަރުތީބުކުރުމުގައި އުމުރުން ދުވަސްވީ މީހުންނާއި އަލަށް ހައްޖަށްދާ މީހުންނަށް އަބަދު ވެސް އިސްކަމެއް ދެވިގެން ދާނެކަމަށް ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޓާއިން ފުރުސަތު ދިނުމުގައި ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ނުދޭކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ ހައްޖާޖީންގެ ކަންކަން ބެލެހެއްޓޭނީ އެހީތެރިން ކަމަށާއި، އެފަދައިން ކަން ކުރުމަށް އުސޫލުވެސް ތަންނުދޭ ކަމަށެވެ.
ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި މީހަކަށް ވަކި އާއިލާއަކަށް ބަލައިގެން އެކަމެއް ނުކުރޭ އެއްވެސް އިރެއްގައި، އަދި އުސޫލުތަކެއް ވެސް އެ ގޮތަކަށް ތަނެއް ނުދޭ،" ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ހައްޖު ކޯޕަރޭޝަންގެ އިސް ބޭފުޅުން ތަކުރާރުކޮށް ހައްޖަށް ދިއުމާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ ކޮންމެ ހައްޖެއްގައި ވެސް އެ ކޯޕަރޭޝަންގެ ވެރިން އާންމުންނަށް ތިބެން ޖެހޭ ކަމަށާއި، އެއީ ސައުދީ އަރަބިއްޔާގައި ވެސް ކަނޑައަޅާފައި އޮންނަ އުސޫލު ކަމަށްވާއިރު، ޖަމާއަތަކާ ހަވާލުވެ ތިބޭ އިސްވެރިންގެ ތެރެއިން ވަކި އަދަދެއްގެ ބަޔަކު ތިބެން ޖެހޭ ކަމަށެވެ.