ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން މި މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް އިސްލާމިކް ހަމަޖައްސައިފި އެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމްއަކީ "ޒަކާތު ފޯ ސޯޝަލް ޖަސްޓިސް އެންޑް ޑިޖިޓަލް އިންކްލޫޝަން: އެޑްވާންސިންގ ސޯޝަލް ވެލްފެއަރ ތުރޫ އިނޮވޭޝަން" އެވެ.

މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ރާއްޖޭގައި ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މި ކޮންފަރެންސްގައި އިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތުގެ ބައިވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ ސްޓްރެޓެޖީތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދޭއިރު، މިއީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގއާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކެވެ. އަދި ބީއެމްއެލްއަކީ އިސްލާމިކް ކްރެޑިޓްކާޑު ދޫކުރާ ހަމައެކަނި ބޭންކެވެ.

މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް 10 އަހަރު ފުރުނު އަހަރުކަން ފާހަގަކުރަމުން ބީއެމްއެލުން ބުނީ، ބީއެމްއެލް އިސްލާމިކުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާކަމަށެވެ.

ބީއެމްއެލް އިސްލާމިކްގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.